ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޒިންމާ އަދާނުކުރައްވާ ކަމަށާއި މޫނު ބުރުގާ އަޅައިގެން އުޅުއްވުން މާ ރަނގަޅު ވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ގޮވާލައްވައި މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ގަރާރަށް މިއަދު މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ފިނޭންސް މިނިސްޓަރު އަމީރު އުޅުއްވަނީ ފިއްލަވައިގެން ކަމަށާއި އޭގެ ސަބަަބުން ކަންކަމަށް ވަރަށް ދަތިވާ ކަމަށެވެ.
އަމީރަށް ގުޅުއްވުމުން ފޯނަށް ވެސް ޖާވާބު ނުދެއްވާ ކަމަށާއި ދުރު ދުރުން ނޫޅެ އަމީރު މަޖިލީހަށް ވަޑައިގެން ކަންކަން ސާާފުކޮށްދެއްވަަން ޖެހޭ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރު މިފަދައިން އަމީރަށް ފާޑުވިދާޅުވެފައިވާއިރު އަމީރު ރަނގަޅަށް ޖަވާބު ދާރީ ނުވާކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އިއްޔެ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަމީރު ވަނީ މީގެ ކުރިން ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްއާ ގުޅޭ މައުލޫމާތު ރަނގަޅަށް ނުދެއްވައި އެ މައުލޫމާތު އެމްއެމްއޭއިން ސާފުކުރަން ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ މާލީ ކަންކަމަކީ އަމީރުއާ ހަވާލުވެވަޑައިގެންފައި ނުވާ ކަމެއް ކަމަށް ވިދާޅުނުވެވޭނެ ކަމަށް ވިދާޅުވެފައެވެ.