އދ. ފެންފުށީގެ ފަޅުން ވިލާ ކުންފުންޏަށް ދޫކޮށްފައިވާ ސަރަހައްދު ހިއްކައިގެން ރިސޯޓެއް ހެދުމާ ދެކޮޅަށް، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފެންފުށި ފަޅުން ސަރަހައްދެއް ސަރުކާރުން ވިލާ ކުންފުންޏަށް ދޫކުރަން ޖެހުނީ ގދ. ކާޑެއްދޫ އެއާޕޯޓު ހިންގަން 50 އަހަރަށް އެ ކުންފުންޏާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ދޫކޮށްފައިވާ ބ. މެންދޫގެ ބަދަލުގައެވެ. އެ އެއްބަސްވުން މިދިޔަ ސަރުކާރުން 2017 ގައި އުވާލި ނަމަވެސް، އެ މައްސަލަ ފަހުން ނިންމާފައިވަނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.

އެހެންވެ، ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭހެން، ހަ ޖަމިއްޔާ އަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރެފައެވެ. އެ ޖަމިއްޔާތަކަކީ:

ޒީރޯ ވޭސްޓް މޯލްޑިވްސްސޭވް މޯލްޑިވްސްސޭވް ދަ ބީޗްލޭންޑް ސީ މޯލްޑިވްސްމޯލްޑިވްސް ރެސިލިއެންޓް ރީފްސްއިކޯކެއާ މޯލްޑިވްސް

އެ ޖަމިއްޔާތަކުން ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، ފެންފުށި ފަޅަކީ ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަންފާ) އާއި އިންވެގެން އޮންނަ ފަޅަކަށްވާއިރު، އެ ފަޅުގެ ބޮޑު ބައެއް ފަތުރުވެރިކަމަށް ދޫކުރުމުން ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާފައި ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި، ކަމާގުޅޭ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅާފައި ވަނިކޮށް، އެ ކަންކަމަށް އެއްވެސް ބެލުމެއްނެތި ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުންޏެވެ.

އޭގެ އިތުރުން އެ ޖަމިއްޔާތަކުން ބުނި ގޮތުގައި:

  • ސަރުކާރުން އެފަދަ ނިންމުމެއް ނިންމި އިރު، އެކަމާ ރަށު ރައްޔިތުންނާއި ރަށު ކައުންސިލުން ދެކޮޅު ކަމަށް ކައުންސިލުން މީޑިއާގައި ހާމަކޮށްފައިވޭ
  • ފެންފުށި ފަޅުން އިގްތިސޯދީ މަސައްކަތް ކޮށްގެން މަހެއްގެ މައްޗަށް ތިން ލައްކަ ރުފިޔާގެ އާމްދަނީ އެއް ލިބޭ
  • ފަތުރުވެރިކަމާ ގުޅުންހުރި ސަރަހައްދެއް
  • އެ ފަޅުގެ ދިރުންތައް އާލާވެ، ބޮޑުވުމުގައި މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެއް

އެ ފަޅު ހިއްކައިފި ނަމަ، ފެންފުށީގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް، އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައިވެއެވެ.

."..ފެންފުށި ފަޅަށް ސީދާ ގޮތުގައި ގެއްލުން ލިބި، ކައިރި ސަރަހައްދުތަކުގެ ފަރުތައް ރަނގަޅު ސިއްހަތެއްގައި ދެމިއޮތުމަށް ބޭނުންވާ މޫދު އަޑީގެ ދިރުންތަކަށް އަސަރު ކުރާނެ."

ޖަމިއްުޔާތަކުން ބުނީ އެ ސަރަހައްދުގައި ގެސްޓްހައުސްގެ ވިޔަފާރި އާއި، ޑައިވް ވިޔަފާރި ކުރެވެނީ ސަންފާ އޮތުމުގެ ސަބަބުން ކަމަށެވެ. އެއާއެކު، ސަންފާގެ ވަށައިގެންވާ ސަރަހައްދުގައި މީގެ ކުރިން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ އަސަރު ސަންފާ އަށް ކުރި ކަން އެ ޖަމިއްޔާތަކުން ފާހަގަކޮށްފައިވެއެވެ.

"މިގޮތުން، ވިލާ ކުންފުނިން ހިންގާ މާމިގިލީ އެއާރޕޯޓް ބޮޑުކުރުމުގެ މަޝްރޫއަށް ބިންހިއްކުމުގެ ސަބަބުން، ސަންޕާގެ ލޮނުގަނޑު ތަގައްޔަރުވެ، އޭގޭ ނޭދެވޭ އަސަރު އެތަށް މަހެއްވަންދެން ކޮށްފައިވޭ."

އެ ޖަމިއްޔާތަކުގެ ކަންބޮޑުވުމަކީ ފެންފުށި ފަޅު އޮންނަނީ ސަންފާ އާއި އިންވެގެން ކަމުން، އެ ފަޅު ހިއްކައިފި ނަމަ، ސަންފާ އަށް ބޮޑެތި ގެއްލުންތަކެއްވެ، އެ ސަރަހައްދުގެ ތިމާވެށްޓަށް އެކަމުގެ ނޭދެވޭ އަސަރު ކުރުމެވެ.

ފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލުމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވި ސިޓީ އަށް ދިން ޖަވާބުގައި އެ މިނިސްޓްރީން ވަނީ ބިން ހިއްކާނީ އީއައިއޭ އާ އެއްގޮތަށް ކަމަށް ބުނެފައެވެ. ނަމަވެސް އީއައިއޭ ބޭނުން ކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް، އެ ޖަމިއްޔާތަކުން ދެކެއެވެ.

ފާއިތުވި އަހަރުތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލައިލާއިރު، ރާއްޖޭގައި އީއައިއޭ ބޭނުން ކުރަނީ ހަގީގަތުގައި ވެސް ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރަށް ބެލުމެއް ނެތި، މަޝްރޫއުތައް ހިންގުމަށް ފެހި ސިގުނަލެއް ދޭ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި."

އެހެންކަމުން، ފެންފުށި ފަޅުގައި އެއްވެސް ކަހަލަ މަޝްރޫއެއް ކުރިއަށް ނުގެންދިއުމަށް، އެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވައިލާފައެވެ. އަދި ބަހާއި އަމަލާ ދިމާވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ގޮވައިލާފައެވެ.