ގުދުރަތީ ރީތި ކަމާއި އާސާރީ ތަކެއްޗަކީ ކޮންމެ ރަށެއްގެ ވެސް ޗާލުކަން ދައްކުވައިދޭ އެ ރަށެއްގެ ރައުސުލްމާލެވެ. ގިނަ ބަޔަކަށް ރަށެއްގެ ނަން ބުނުމުން ނޭނގުނަސް ނުވަތަ ރަށެއްގެ ނަން ގިނަ ފަހަރަށް އެގިފައިވަނީ ވެސް އެފަދަ ތަކެތީގެ ސަބަބުންނޭ ވެސް ބުނެވިދާނެއެވެ. އާބާދީގައި 1174 މީހުން ދިރިއުޅޭ އދ. ފެންފުށީ، ގިނަ ބަޔަކަށް އެނގިފައި ވަނީ އެ ރަށުގެ ރީތި ތުނޑިއާއި އާސާރީ މިސްކިތުގެ ވާހަކަތަކުންނެވެ.
ފެންފުށީ ހުކުރު މިސްކިތް:
މިހާރު ވެސް ބޭނުންކުރަމުން އަންނަ ފެންފުށީ ހުކުރު މިސްކިތަކީ ހިރިގަލުގެ މަސައްކަތުގެ ލާމަސީލު މިސާލަކަށް ވާއިރު އެ މިސްކިތުގެ ބައިތައް ހުރީ ވަރަށް ފުރިހަމައަށް ރައްކާތެރި ކުރެވިފައެވެ.
އެ މިސްކިތުގެ މައުލޫމާތުތައް ހިއްސާކުރަމުން އެ ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު އަބްދުއް ޝަކޫރު ވިދާޅުވީ އެ މިސްކިތަށް މިހާރު 1000 އަހަރު ވެދާނެ ކަމަށް ގިނަ ބަޔަކު ބުނާ ކަމަށެވެ. އެހެންނަމަވެސް އަނެއް ބަޔަކު އެ މިސްކިތަށް މިހާރު 800 އަހަރު ވެދާނެ ކަމަށް ލަފާކުރާއިރު އަހުމަދު ވިދާޅުވީ މަދުވެގެން މިހާރު އެހާ ދުވަސް ވެދާނެ ކަމަށެވެ. އެ ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ކުރީގައި މީހުން އެރުނު ވެވަކާއި ވަގުތު ބަލާ ގަޑިއަކާއި ވަޅުވެސް ހިމެނޭއިރު އެ މިސްކިތުގެ ވަށައިގެން ވަރަށް ބޮޑު ސަރަހައްދެއް އޮވެއެވެ. އެ ސަރަހައްދުގައި ގަބުރުސްތާނު ހިމެނޭއިރު މަހާނަގަލަކީ ކާބަފައިގެން ހިރިގަލުގެ މަސައްކަތްތަކެވެ.
އަހުމަދު ވިދާޅުވީ އެ މަހާނަގާތަކަކީ ކާބަފައިން ކުރި މަސައްކަތްތައް ކަމަށާއި ގިނަ ބަޔަކު މަހާނަގާ ހެދި ހަދާން ހުންނަވާ ކަމަށެވެ. އަދި ގާނޫނުގައި ހިރިގާ ނެގުން މަނާކުރުމުން އެ މަސައްކަތް ހުއްޓިފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ މިސްކިތަަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަނަކަށް ވެފައިވާ ކަމަށާއި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިނާއި ދިވެހިންނަށްވެސް ވަރަށް މަގުބޫލު ތަނަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެތަންތަން ހިމާޔަތްކޮށް އެތަނުން އާމްދަނީއެއް ނަގައިގެން މަރާމާތު ކުރުމަށް ރާވަމުންދާ ކަމަށް އަހުމަދު ވަނީ ވިދާޅުވެފައެވެ.
ފުންފުށީގެ ނަލަ ރީތި ތުނޑި:
ޗުއްޓީގައި މޫދަށް ގޮސްނުލާ ގިނަ ބަޔަކު ހިތްހަމަ ނުޖެހޭއިރު ޗުއްޓީ އައުމުގެ ކުރިން ޗުއްޓީ ހޭދަކޮށްލަން ދާނެ ރަށަކާ ދޭތެރޭގައި ގިނަ ބަޔަކު މަޝްވަރާކޮށް ހަދައެވެ. ޗުއްޓީ ހޭދަކޮށްލަންދާން ފެންފުއްޓަކީ އެއްވަނައިގެ މަންޒިލެކެވެ. ފެންފުށީ ތުނޑިއާ ކައިރީގައި ފިނޮޅުތަކެއް ހެދިފައިވާއިރު މޫސުމަށް އަންނަ ބަދަލާއެކު ފެންފުށީ ތުނޑިއާ ފިނޮޅުތަކެއް ގުޅެއެވެ.
އަހުމަދު ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ އެންމެ ބޮޑު އެއް ރައުސުލް މާލަކީ ފެންފުށީ ތުނޑި ކަމަށާއި ފެންފުށީ ތުނޑިއާ ޖެހިގެން ތިން ހަތަރު ފިނޮޅު އޮންނަ ކަމަށެވެ. އަދި އެ ތަންތަނަކީ އަބަދުވެސް ތުނޑިއާ ގުޅިފަ، ވަކިވާ ތަންތަން ކަން ފާހަގަކުރައްވާ އަހުމަދު ވިދާޅުވީ ތުނޑިއަކީ މޫސުމަށް އަންނަ ބަދަލާއެކު ބަދަލު އަންނަ ތަނެއް ކަމަށެވެ.
ފަތުރުވެރިންނާއި އެ ރަށުގެ މީހުންގެ ތުނޑިއަށް ޕިކްނިކް ގޮސް އުޅޭއިރު، ދުވާލުގެ ވަގުތުތައް އެއްކޮށް އެ ރަށުގެ ތުނޑީގައި ހޭދަކުރާއިރު ކެއުމުގެ ކަންކަންވެސް ކޮށްއުޅެނީ އެތަނުގައެވެ. އަހުމަދު ވިދާޅުވީ ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާއިރު ގެސްޓް ބީޗެއްވެސް ކައުންސިލުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އަހުމަދު ވިދާޅުވީ ކައިރި ރަށް ރަށުގައި އުޅޭ މީހުންވެސް ތުނޑިއަށް ދަތުރު ގޮސް ހަދާ ކަމަށާއި ދުރު ރަށްރަށުންވެސް ޗުއްޓީ ހޭދަކުރަން މީހުން އައިސްފައިވާ ކަމަށެވެ. އަދި ރޭގަނޑު ސަފާރީތަކުންވެސް ފަތުރުވެރިން އެ ރަށު ތުނޑިއަށް ގޮސް ބާބަކިޔު ހަދާ ކަމަށާއި މި ވަގުތު ފީ އެއް ނުނެގި ނަމަވެސް ކުރިއަށް އޮތްތަނުގައި އެތަންތަން ރަނގަޅަށް ބެލެހެއްޓުމުގައި ކޮންމެވެސް ކަހަލަ ފީއެއް ނެގުމުގެ ވިސްނުމެއް އެބަ ގެންގުޅުއްވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
50 އަށް ވުރެ ގިނަ އަހަރުވެފައިވާ އެނބުރޭ ރުކަށް ގިނަ ބައެއްގެ މަގުބޫލުކަން:
ފެންފުށީގައި މީގެ 50 އަހަރު ކުރިން ހެދިފައިވާ އާންމުކޮށް ނުފެންނަ ވައްތަރެއްގެ ރުކަކަށް ގިނަ ބައެއްގެ ކަޅި ހުއްޓުނީ ދާދިފަހުންނެވެ. "ހަރުފަ ރުއް" ނުވަތަ "އެނބުރޭ ރުއް" ގެ ގޮތުގައި ގިނަ ބަޔަކު އެނގޭ އެ ރުކަކީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އެ ރަށުގެ އުތުރު ފަރާތުގައި ހެދިފައިވާ ރުކެކެވެ.
އަހުމަދު ވިދާޅުވީ އެ ރުކަކީ އެނބުރެމުން އެނބުރެމުން ހެދިފައިވާ ރުކެއް ކަމަށާއި އެ ރުކުގައި ގާތްގަނޑަކަށް 60 ފޫޓު ވަރު ހުންނާނެ ކަމަށެވެ. އެ ރުއް ހެދިގެން އައި ދުވަސްވަރު ރަށުގެ މީހުންނަށް އެ ރުއް މާ މަގުބޫލު ރުކަކަށް ނުވި ނަމަވެސް ލޯކަލް ޓޫރިޒަމާއެކު ފަތުރުވެރިންގެ މެދުގައި އެ ރުއް މަގުބޫލު އެއްޗަކަށް ވުމާއެކު ރަށުގެ މީހުންނަށްވެސް އެ ރުކަކީ މަގުބޫލު ރުކަކަށްވެފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
އެއާއެކު އެ ރުއް ހިމާޔަތް ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށާއި އެ ރުއް މިހާރު ހުރީ ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ކަމަށްވިޔަސް ކައުންސިލް ބިމެއްގައި ކަމަށް އަހުމަދު ވަނީ ވިދާޅުވެފައެވެ.
އަހުމަދު ވަނީ އެ ރަށުގެ ހުކުރު މިސްކިތް ހެރިޓޭޖް މިނިސްޓްރީގެ ދަށުގައިވާ ތަނެއް ކަމަށް ވިޔަސް އެތަނަށް އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.