އދ. ފެންފުށީގެ ތުނޑި ސަރަހައްދަށް ގޮސް، މޫދަށް އެރި އުޅުމުގެ ތެރޭގައި ރާޅަކާ އެކު ގެއްލުނު ދެ ޒުވާނުން ފެނުނު އިރު އެކަކު މަރުވެފައިވާ ކަމަށް، ކައުންސިލުން ބުނެފިއެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޝީޒާ ވަހީދު "ދަ ޕްރެސް" އަށް ވިދާޅުވީ، ތުނޑިއަށް ދިޔައީ ހަތަރު މީހުން ކަމަށާއި، އޭގެ ތެރެއިން ގެއްލިގެން ހޯދަމުން ދިޔައީ ދެ މީހުން ކަމަށެވެ.

ޝީޒާ ވިދާޅުވި ގޮތުގައި، ދެ މީހުން މޫދަށް އެރި އުޅެނިކޮށް، އެ ސަރަހައްދަށް އެރި ރާޅަކާ އެކު، ދެ މީހުން ވެސް ދަމައިގަނެގެން ގެންގޮސްފައި ވެއެވެ. އެ ހާދިސާ ހިނގުމަށް ފަހު، ދެ މީހުން ހޯދަމުން ދަނިކޮށް އެންމެ ފުރަތަމަ ފެނުނީ ފެންފުށްޓަށް ނިސްބަތްވާ މީހާ ކަމަށް، އޭނާ ވިދާޅުވިއެވެ.

"ހޯދަމުން ހޯދަމުން ދަނިކޮށް ފުރަތަމަ ފެނުނީ ފެންފުށީ މީހެއް. އަނެއް މީހާ އަކީ ބީރައްޓެއްސެއް ކަމަށް ވަނީ." ޝީޒާ ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުގައިވާ ގޮތުން، ފުރަތަމަ ފެނުނު މީހާގެ ހާލު ރަނގަޅެއް ނޫނެވެ. ނަމަވެސް، ފެންފުށި ސިއްހީ މަރުކަޒުގެ ޑޮކްޓަރުންނާ ހަވާލާދީ ޝީޒާ ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން، ފެންފުށްޓަށް ނިސްބަތްވާ މީހާގެ ހާލު ރަނގަޅު ކަމަށާއި، ދެވަނަ މީހާ ގެނައި އިރު ވެސް މަރުވެފައި ވާ ކަމަށެވެ.

ޝީޒާ ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން މަރުވި މީހާގެ ހަށިގަނޑާއި ދެވަނަ މީހާ ވެސް މިހާރު އެ އަތޮޅު މަހިބަދޫ އަށް ފޮނުވާލާފައިވާ ކަމަށެވެ.

ޝީޒާ ވިދާޅުވީ އެ ދެ މީހުން ވެސް މިހާރު އެ އަތޮޅު މަހިބަދޫ އަށް ފޮނުވާލާފައިވާ ކަމަށެވެ.ފުލުހުން ބުނީ، އެ ހާދިސާގައި ގެއްލުނީ އުމުރުން 19 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.