އދ. ފެންފުށި އައު މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންކަމަށާއި، މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ދައުލަތުގެ ވެރިން ބައިވެރިވެލައްވާފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ހިމެނޭ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއްގެ އިތުރުން މިސްކިތުގެ މަސައްކަތް ނިމޭއިރު ސޯލާ ހަރުކުރެވި އޭސީވެސް ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތާއެކު އާ ހިނަވާގެއެއް އިމާރާތް ކުރެވިގެންދާނެކަން ރައީސް މުއިއްޒު މިއަދު އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ އިއުލާން ކުރައްވާފައިވާކަމަށެވެ. އަދި މިއީ 365 ދުވަސްތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަސައްކަތެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.