މިދިޔަ މޭ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 52 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް އެތެކުރި މުދަލުގެ އަގުގެ އިތުރުން، މޭ މަހުގެ ތެރޭގައި ރާއްޖޭން ބޭރުކުރި މުދަލާއި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީވެސް އިތުރުވެފައިވެއެވެ.

އެގޮތުން މިދިޔަ މަހު ރާއްޖޭން ބޭރުކުރި މުދަލުގެ އަގު 719 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭން ބޭރުކޮށްފައިވަނީ 515 މިލިއަން ރުފިޔާގެ މުދަލެވެ. އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު 300 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 239 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ގައުމުތަކުގެ ތެރޭގައި އޮމާނުން 783 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން އެތެރެކޮށްފައި ވަނީ 650 މިލިއަން ރުފިޔާގެ މުދަލެވެ. ޗައިނާއިން ވަނީ 447 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އަދި ޔޫއޭއީއިން އެތެރެކުރީ 426 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. ދެން އިނގިރޭސިވިލާތާއި ޖަރުމަނު، އިންޑިއާ އަދި ފްރާންސްއަށެވެ.