ދުނިޔެއަށް ލިބިފައި ވާ ގުދުރަތީ މުއްސަނދިކަމުގެ ބޮޑު ބައެއް ހިއްސާ ކުރާ ކަނޑުތަކަށް ކުރިމަތިވެފައިވާ މައިކްރޮޕްލާސްޓިކްގެ ތަޣައްޔަރު ކަމުގެ މައްސަލައަށް އިންގިލާބީ ހައްލެއް ހޯދުމުގެ ގޮތުން، ކުޑަކުޑަ ރޮބޮޓް މަހެއް ފަރުމާ ކޮށްފިއެވެ.

ދިގު މިނުގައި އެންމެ 13 މިލިމީޓަރު ހުންނަ މި މަހަކީ، ކަނޑުތައް ތަޣައްޔަރު ކުރަމުންދާ މައިކްރޮޕްލާސްޓިކް ކެއުމަށް ފަރުމާ ކޮށްފައި ވާ މަހެކެވެ. ފެނުގެ ތެރޭގައި މަސް ދަތުރު ކުރަމުން ދާ ވަރަކަށް އޭގެ ތެރެއަށް މައިކްރޮޕްލާސްޓިކް ފުއްތައް ދަމާލައެވެ.

ރޮބޮޓް މަހަކަށް ވީ ނަމަވެސް، މި މަހުގެ ހަށިގަނޑު މަޑެވެ. ބޭނުން ގޮތަކަށް ބަނޑިބަޑިވެސް ލައްވާ ލެވޭ އިރު، މިއީ ލިބޭ އަނިޔާތަކަށް އަމިއްލައަށް ފަރުވާ ހޯދާ މަހެއްވެސް މެއެވެ.

މަހުގެ ނިގުލުގައި ހަރުކޮށްފައިވާ ލޭޒާ އަލީގެ ނިޒާމުގެ އެހީގައި މި މަސް ފަތާއިރު، ސިކުންތަކު 33 މިލިމީޓަރަށް ފިޔަގަނޑު ޖަހައެވެ. މިއީ އޮއެ ދެމޭ ފެނު ތެރޭގައި ޕްލޭންކްޓަންސްވެސް ދަތުރު ކުރާ ބާރު މިނެވެ.

މި މަސް އުފައްދާފައި ވަނީ ކަނޑުން ލިބެން ހުރި ބާވަތްތައް އަސްލަކަށް ބަލައިގެންނެވެ. އިންތިހާއަށް ފްލެކްސިބަލް މަހެއް ކަމަށް ބުނާ މި ރޮބޮޓް މަހަށް، 5 ކިލޯގްރާމްގެ ބަރުދަން ހުންނަ އެއްޗެއްވެސް ދަމާލެވޭ ކަމަށް ދިރާސާގައި ބަޔާން ކޮށްފައިވެއެވެ.

ނެނޯ ލެޓާޒްގައި ޝާއިއު ކޮށްފައިވާ ދިރާސާ އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ޕޮލީމާ ރިސާޗް އިންސްޓިޓިއުޓް އޮފް ސިޝުއާން ޔުނިވާސިޓީގެ ޔޫޔާންގް ވޭންގް ފާހަގަ ކޮށްފައި ވާ ގޮތުގައި، ފެނުގެ ވެށިން މައިކްރޮޕްލާސްޓިކް ނައްތާލުމަށް މިފަދަ މަހެއް އުފެއްދުނު ކަމީ މުހިންމު ކަމެކެވެ.

ދުނިޔޭގެ އެންމެ ދެކުނު ތަނޑީގެ ސަރަހައްދު ނުވަތަ އެންޓާކްޓިކަށް ފައިބާފައިވާ ތާޒާ ސްނޯގައިވެސް މައިކްރޯޕްލާސްޓިކް ނުވަތަ ހިމުން ކުނޑިކޮޅުތަކަކަށް ވެފައިވާ ޕްލާސްޓިކް އެކުލެވޭ ކަމަށް، ސައެންސްގެ ހޯދުންތަކުން ވަނީ ދައްކާފައެވެ.

މައިކްރޯޕްލާސްޓިކް އުފެދެނީ އެކި ގޮތް ގޮތުން ޕްލާސްޓިކް ގޭނި، މުގުރިގެންނެވެ. މައިކްރޯޕްލާސްޓިކް ކޮޅެއްގެ ބޮޑުމިން، ހަނޑޫފުކަކަށް ވުރެ ކުޑައެވެ. އަދި ބައެއް އެތިކޮޅުތަކީ ހަމަލޮލަށްވެސް ނުފެންނަހާ ހިމުން އެތިކޮޅުތަކެކެވެ.

މައިކްރޯޕްލާސްޓިކްގެ ތަޣައްޔަރުކަމާ މެދު އިންތިހާއަށް ކަންބޮޑުވުންތައް އިތުރު ވަމުން ދިޔަ ނަމަވެސް، މައިކްރޯޕްލާސްޓިކްގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ލިބޭ ސީދާ ގެއްލުންތަކުގެ ފުރިހަމަ ދިރާސާއެއް އަދި ހެދިފައެއް ނެތެވެ. ނަމަވެސް ސެލް މަރުވުމާއި އެލާޖިކް ވުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށް، އެކި ހޯދުންތަކުން ވަނީ ދައްކާފައެވެ.