ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އައްޑު އަތޮޅު ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ 21އ. މަރުވި މައްސަލައާ ގުޅިގެން އަނެއްކާ ވެސް އިތުރު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މިއަދު ކޮޓު އަމުރެއްގެ ދަށޫން އުމުރުން 28 އަހަރާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އަދި ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ. މިއަދު ހައޔްަރު ކުރި ދެމީހުންނާ އެކު މި މައްސަލއިގައި ހައްޔަރު ކުރި މީހުންގެ އަދަދު މި ވަނީ 8 އަށް އަރާފައެވެ.

މިމައްސަލައާ ގުޅިގެން މިމަހު 18 ވަނަ ދުވަހު ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ ދެ މީހަކާއި 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް ވެސް ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން ވެސް މި މައްސަލައިގައި ވަނީ 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކު ވެސް ހައްޔަރު ކޮށްފައެވެ.

މީގެ އިތުރުން 16 އަހަރުގެ ކުއްޖާ ހައްޔަރުކުރަން އުޅުނު ވަގުތު އަމާންކަން ނަގާލަން އުޅުނު އިތުރު 3 މީހަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. މި ތިން މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ފޭދޫގައި ހިންގި އެ މާރާމާރީގައި ޒަހަމްވި ޒުވާނާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ތޫނު އެއްޗެހިން ހަމަލާ ދީ ހިންގި މި މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއް ކަމަށް ފުލުހުން ބުނެއެވެ.