މީގެ 2 މަހެއްހާ ދުވަސް ކުރިން ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރެއްވި ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަރޮންއަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެއެވެ.

ފަރަންސޭސިވިލާތުގެ އާންމު އިންތިހާބުގެ ވޯޓުގައި ސަރުކާރަށް ސާފު މެޖޯރިޓީ ކަށަވަރުކޮށްދިނުމަށް މެކަރޮން ވަނީ އާންމުންނަށް ގޮވާލައްވާފައެވެ. ނަމަވެސް ނަތީޖާތައް ލިބުނުއިރު، މެކަރޮންއަށް މުހިންމު ގިނަ ސީޓްތަކެއް ގެއްލިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް މެކަރޮން ދާދި ފަހުން އައްޔަން ކުރެއްވި އެލިޒަބަތު ބޯން ވަނީ، މިއީ އެ ގައުމު ތާރީހު ދުށް ކަމެއް ނޫން ކަން ފާހަގަ ކުރައްވާފައެވެ.

ގައުމުގެ ތެރެއިންނާއި ބޭރުން ފަރަންސޭސިވިލާތަށް ނުރައްކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އަދުގެ ހާލަތު ރަމްޒުކޮށްދެނީ އެ ނުރައްކާ ކަމަށްވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ. އަދި މެޖޯރިޓީ ކަށަވަރުވޭތޯ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ބޯން ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، މަޖިލީހުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރި އަނެއް 2 ގުރޫޕުން އޮތީ ކޯލިޝަން ހަދާ ފަދަ ފިކުރެއްގައި ނޫން ކަން ފާހަގަ ކުރަން ޖެހެއެވެ.

ފަރަންސޭސިވިލާތް މިއަދު އޮތީ ވެރިކަން ނުހިންގޭ ހާލަތުގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ، ނަމަވެސް ވެރިކަން ހިންގުމަށް ތަނަވަސް ހިޔާލުތަކެއް ބޭނުންވާ ކަމަށް އެ ގައުމުގެ އިގުތިސޯދީ ވަޒީރު ބްރޫނޯ ލީ މެއާ ވަނީ ވިދާޅުވެފައެވެ.

ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަކީ މެކަޣޯންގެ ވައުދުފުޅަކަށް ވާ އިރު، އެކަން ހާސިލު ކުރުމުގައި އަމަލު ކުރާނެ ގޮތަކާ މެދު އިދިކޮޅު ފަރާތްތަކުގެ ހިޔާލު ތަފާތެވެ. އެހެންކަމުން މެކަރޮން ހުށަހަޅުއްވާފައި ވާ ބައެއް އިސްލާހީ ބަދަލުތަކަށް އަމަލީ ސިފަ ގެނައުމުގައި ބޮޑެތި ގޮންޖެހުންތަކެއް، ފަރަންސޭސި ސަރުކާރަށް ކުރިމަތިވާނެ ކަމަށް ލަފާ ކުރެވެއެވެ.

ފަރަންސޭސިވިލާތުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް މަޣިން ލޫ ޕޭން (ލޫ ޕޭން) ބަލި ކުރައްވާ، ވެރިކަމުގެ އިތުރު 5 އަހަރުގެ ދައުރެއް، މެކަރޮން ކާމިޔާބު ކުރެއްވީ އޭޕްރިލް މަހުގެ ފަހުކޮޅުއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން