މޯލްޑިވިއަން އިން ރާއްޖެއަށް ގެންނަ 4 ވަނަ މަތިންދާ ބޯޓުގެ ޓެސްޓް ފްލައިޓް ފްރާންސްގައި ބާއްވައިފިއެވެ.
މޯލްޑިވިއަން އިން ބުނާ ގޮތުގައި، އަންނަ ފެބްރުއަރީ މަހު ރާއްޖެއަށް ހަތަރުވަނަ މަތިންދާ ބޯޓެއް ގެނެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. ފްރާންސްގެ ޓޫލޫސްގައި މޯލްޑިވިއަންގެ ބޯޓެއްގެ ޓެސްޓް ފްލައިޓްތައް ބާއްވަމުން އަންނަ ތަން ވަނީ ފެނިފައެވެ.
ހަތަރު ވަނަ އަށް ގެންނަ މަތިންދާ ބޯޓަކީ އޭޓީއާރް42-600 އެވެ. މިހާރު މޯލްޑިވިއަންގައި ބޭނުން ކުރާ އޭޓީއާރް މަތިންދާ ބޯޓުތަކުގެ ތެރޭގައި ހިމެނެނީ އޭޓީއާރް 72-600 ގެ ދެ ބޯޓާއި އޭޓީއާރް 42-600 އެއް ބޯޓެވެ.
ޓެސްޓް ފްލައިޓްތައް ނިމުމުން މި މަތިންދާ ބޯޓު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު، މިހާރު އަންދާޒާ ކުރާ ގޮތުގައި ފެބްރުއަރީ މަހުގެ ތެރޭގައި އެ މަތިންދާ ބޯޓު ރާއްޖެ ގެންނާނެ ކަމަށް ބެލެވެއެވެ. އޭޓީއާރްގެ ފްލައިޓްތައް ރާއްޖެއަށް ގެންނަން މޯލްޑިވިއަން އިން ނިންމާފައި މިވަނީ ފްލީޓް ޓްރާންސިޝަންގެ ދަށުން މޯލްޑިވިއަން އިން މީގެ ކުރިން ބޭނުން ކުރަމުން އައި އުމުރުން ދުވަސްވީ ޑޭޝް8އެސްގެ މުޅި ފްލީޓްގެ ބަދަލު ކުރުމުގެ ގޮތުންނެވެ. މޯލްޑިވިއަންގެ އަމާޒަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 8 އޭޓީއާރް ގެނައުމެވެ.
މުޅި ޑޭޝް8 ފްލީޓް ބަދަލުކުރަން އެ އެއާލައިނުން ވިސްނަމުން ދިޔަ ނަމަވެސް ސަރުކާރުން ވަނީ ޑޭޝް8ގެ ފްލައިޓެއް އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ނިންމާފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ޑޭޝް8އެސްގެ ފްައިތްތައް އޮޕަރޭޓް ކުރަމުންދާ ތަން ފެންނާނީ އެއާއެމްބިއުލާންސްގެ ގޮތުގައި ކަމަށް ބެލެވެއެވެ.