ވިނަރެސް ފްލެޓް ބަލާލަން ދާން އިތުރު ފުރުސަތުތަކެއް ދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، އެކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން އަންނަ ވިނަރެސް ފްލެޓް އެޕާޓްމަންޓްތައް ބަލާލަން ގިނަ ބަޔަކު ޝާއުގުވެރިކަން ފާލު ކުރަމުންދާތީ ގިނަ މީހުންނަށް ފުރުސަތު ދިނުމަށް އާ ސްލޮޓްތަކެއް ދޭން ނިންމާފަިއވާ ކަމަށެވެ. މީގެ ކުރިން ވެސް އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާތީ ފްލެޓް ބެލަން ވަދެވޭނީ ވަކި އަދެދެއްގެ މީހުންނަށް ކަމަށާއި އެޕާޓްމަންޓް ބެލުމަށް ދާ ކޮންމެ މީހަކު ވެސް ރަޖިސްޓާ ކުރުމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ހަމައެގޮތަސް މި ފަހަރުވެސް އެ ފްލެޓްތައް ބަލާލަން ވަދެވޭނީ ރެޖިސްޓާ ވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.

"ވިނަރެސް" މޭކްއަޕް އެޕާޓްމަންޓް ބެލާލަން ދާން ބޭނުންވާ މީހުން މި ލިންކުން ރަޖިސްޓާ ކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 ނުވަތަ 3353535 އަށް ގުޅުމަށް އެޗްޑީސީން ބުނެއެވެ.

ގާތްގަނޑަކަށް 900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފްލެޓްތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. އެއް ގޮތަކީ ފްލެޓްގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމަންޓްގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

ފުރަތަމަ އޮޕްޝަނުގައިވާ ގޮތަށް ކުލި 20 އަހަރަށް ބަހާލުމުން ކޮންމެ އެޕާޓްމަންޓަކަށް ވެސް 19،000 ރުފިޔާއާއި 23،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ. ދެވަނަ އޮޕްޝަނުގައިވާ ގޮތަށް ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ.

ވިނަރެސްގެ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓްގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށެވެ. ދެން ހުރި ފްލެޓްތަކުން ގުޅިފަޅާއި ސީ ލައިފުން ފްލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށް 100 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.