މީގެ އެތައް ސަތޭކަ އަހަރެއް ކުރިން، އެފްރިކާގެ އުތުރުގެ ހިސާބުތަކާއި އޭޝިއާ އަދި ވިލާތުގެ ގައުމުތަކުގައި ފެތުރުނު ނުރައްކާތެރި ބަލިމަޑުކަން، މަޝްހޫރު ނަމުން ނަމަ "ބްލެކް ޑެތު" ނުވަތަ "ދަ ގްރޭޓް ޕްލާގް"ގެ އަސްލު ދެނެގަނެވިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ސައެންސްވެރިން ބުނެފިއެވެ.

600 އެތައް އަހަރެއް ކުރިން ފެތުރުނު "ބްލެކް ޑެތު" ބަލިމަޑުކަމުގައި އެތައް މިލިއަން ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. 1300 ގެ އަހަރުތަކުގެ މެދަކާ ހިސާބުގައި ފެތުރިގެން ދިޔަ އެ ބަލިމަޑުކަމަކީ އިންސާނީ ތާރީހު ދުށް އެންމެ ނުރައްކާތެރި ބަލިކަމުގެ ތެރޭގައި ގުނާލެވޭ ކާރިސާއެކެވެ. މިވީހާތަނަށް ކުރި އެކި ދިރާސާތަކުންވެސް ބަލީގެ އަސްލު އޮތީ ކަށަވަރު ނުވެއެވެ.

ނަމަވެސް، ފަހުގެ ހޯދުންތައް ބުނާ ގޮތުން "ބްލެކް ޑެތު"ގެ އަސްލު ވަނީ އޭޝިއާގެ މެދުތެރޭ ސަރަހައްދެއް ކަމަށް ވާ ކިރިގިޒްތާނުގައެވެ. އެއީ 1330ގެ އަހަރުތަކުގެ ތެރޭގައެވެ.

ސްކޮޓްލަންޑްގެ ޔުނިވާސިޓީ އޮފް ސްޓާލިންގްއާއި ޖަރުމަނުވިލާތުގެ މެކްސް ޕްލާންކް އިންސްޓިޓިއުޓް އަދި ޔުނިވާސިޓީ އޮފް ޓުބިންޖެން ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާގައި، ކިރިގިޒްތާނުގެ ގަބުރުސްތާނަކުން ފެނުނު ގަބުރުތަކެއްގެ ދަތްތަކުން ޑީއެންއޭ ސާމްޕަލް ތަހުލީލު ކުރިއެވެ.

އެ ސަރަހައްދުން ސާމްޕަލް ނެގުމަށް ދިރާސާގެ ބައިވެރިން ނިންމީ 1338 އާއި 1339 ވަނަ އަހަރާ ދެމެދު މީހުން ވަޅުލި ނިސްބަތް އިތުރު ކަމަށް ދައްކާތީއެވެ.

ޔުނިވާސިޓީ އޮފް ޓުބިންޖެންގެ ޑރ މާރިއާ ސްޕައިރޯ ވިދާޅުވީ 7 ގަބުރަކުން ޑިއެންއޭ ސާމްޕަލް ނަގާފައި ވާ ކަމަށެވެ. ދަތްތަކުން ސާމްޕަލް ނެގީ، ދަތްތަކުގައި ލޭ ހޮޅިތައް ގިނަވެފައި، ލެއަށް ހަމަލާ ދިނުމުގެ ސަބަބުން މީހާ މަރުވި ސަބަބު ދެނެގަނެވުމުގެ ފުރުސަތު ބޮޑުވީމައެވެ.

ބެލި ބެލުމުން، ޕްލާގް ޖެއްސި ބެކްޓީރިއާ ކަމަށްވާ ޔެރްސީނިއާ ޕެސްޓިސް، 3 ގަބުރެއްގެ ސާމްޕަލުން ފެނުނެވެ.

މިއީ "ބްލެކް ޑެތު"ގެ އަސްލާ ބެހޭ ދިރާސާއެއް މިހާ ކަށަވަރުކޮށް އާންމު ކުރި ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ. ދިރާސާ އާންމު ކޮށްފައި ވަނީ "ނޭޗާ" ޖާނަލްގައެވެ.

މި ބައްޔަށް "ބްލެކް ޑެތު"ގެ ނަން ދެވުނީ ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތައް ކަޅުވެ، މަރުވަމުން ދާ ދިއުމުގެ ސަބަބުންނެވެ. 2010 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދުވެސް މި ބަލީގެ 3248 ކޭސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައި ވާ އިރު، 584 މަރުގެ ކޭސް ރިޕޯޓް ކުރިއެވެ.