ހުސްވި ހަފުތާ ބަންދު ނިމިގެން ދިޔައީ އިރެއްގައި ދިވެހި ޒުވާނުންގެ ހިތްތައް ފަތަހަ ކުރި ކެނެޑާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޖަސްޓިން ބީބާ (ޖޭބީ)އަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، އޭނާގެ ގިނަ ޝޯތަކެއް ކެންސަލް ކުރި ހަބަރާއެކުގައެވެ. މޫނުމަތީގެ އެއްފަޅިން ވާގިދާ ގޮތްވެ، އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް ހުރަސް އެޅުމުގެ ސަބަބުންނެވެ.

އެކަން ހާމަކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑީއޯ މެސެޖެއްގައި ބީބާ ވަނީ، އޭނާއަށް އެހެން ދިމާވީ ރެމްޒީ ހަންޓް ސިންޑްރޯމްގެ ސަބަބުންކަން ހާމަ ކޮށްފައެވެ. ރެމްޒީ ހަންޓް ސިންޑްރޯމްއަކީ ފާނަބަސަންދާއި ފާނަބަސަންދަށް ފަހު ބައެއް މީހުންނަށް ކުރިމަތިލާންޖެހޭ ޝިންގަލްސްވެސް ޖައްސާ ވެރިސެލާ-ޒޯސްޓާ ވައިރަހުގެ ސަބަބުން ޖެހޭ އިތުރު ބައްޔެކެވެ.

ދިވެހިރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު، ޑރ އަހުމަދު ފައިސަލް، އޭނާގެ ޓްވިޓާ އެކައުންޓްގައި ހާމަ ކުރައްވާފައި ވާ ގޮތުގައި ފާނަބަސަންދު ޖެހުމަށްފަހު އޭގެ ވައިރަސް ފިލަނީ މައިބަދާގައި ކަމަށެވެ. އެއަށްފަހު މައިބަދައިން ނުކުމެ، ނާރަކުންލާފައި ފެތުރެނީ އެނާރު އިންނަ ހިސާބަކަށް ކަމަށެވެ. މޫނުމައްޗަށް ވިއްވާ ވާ ގޮތް ކަމަށް ވިދާޅުވެ، ހިއްސާ ކުރައްވާފައި ވަނީ ޖަސްޓިން ބީބާއަށް މެދުވެރިވި ހާލަތު ބަޔާން ކުރާ ޕޯސްޓެކެވެ.

ރެމްޒީ ހަންޓް ސިންޑްރޯމްގެ ސަބަބުން ޖަސްޓިން ބީބާ ވަނީ ގިނަ ޝޯތަކެއް ކެންސަލް ކޮށްފައި / ފޮޓޯ: ޕީޕަލް

ސޯޝަލް މީޑިއާއާށް ދޫކޮށްލި ޕޯސްޓުގައި ބީބާ ބުނެފައި ވަނީ، ވައިރަސް ހަމަލާ ދީފައި ވަނީ އޭނާގެ ކަންފަތުގެ ނާރަކާއި މޫނުމަތީގެ ނާރުތަކަކަށް ކަމަށެވެ. އެކަމަކު ސަބަބުން މޫނުމަތީގެ ބަޔަކުން ވާގި ގޮސްފައި ވާ ކަމަށެވެ. އެކަމަކުގެ ސަބަބުން އެސްފިޔަ ޖެހުމާއި މުޅި މޫނު ބޭނުން ކޮށްގެން ހީނލުން ފަދަ އާދައިގެ ކަންކަން ކުރުމަށްވެސް ވަނީ ހުރަސް އެޅިފައެވެ.

ރެމްޒީ ހަންޓް ސިންޑްރޯމްއަކީ ނާރުތަކުގެ ނިޒާމަށް ޖެހޭ، މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މި ބަލި ޖެހެނީ، ބޮލު ތެރެއިން، ކަންފަތުގެ އެތެރެއާ ކައިރިން ނާރަކަށް، ވެރިސެލާ-ޒޯސްޓާ ވައިރަސް ހަމަލާ ދިނުމުންނެވެ. ކުޑައިރުގެ ދުވަސްތަކުގައި ފާނަބަސަންދު ނުވަތަ ބޮޑު މީހަކަށް ވުމުން ޝިންގަލްސް ޖެހިފައި ހުރެއްޖެނަމަ، އެ މީހެއްގެ ހަށިގަނޑު އެއްވެސް ހަރަކާތެއް ނެތި އެ ވައިރަސް ދެމި ހުންނަ ފަހަރު އާދެއެވެ. ވައިރަހަށް އަލުން ހަރަކާތްތެރިވެވި، ރެމްޒީ ހަންޓް ސިންޑްރޯމްގެ އަލާމާތްތައް ހަށިގަނޑުން ފާޅުވާން ފަށާ އަސްލު ސަބަބެއް އަދި އޮތީ ނުހޯދިއެވެ.

ރެމްޒީ ހަންޓް ސިންޑްރޯމްގެ އަލާމާތްތަކުގެ ތެރޭގައި ކަންފަތު ތެރޭގައި އަދި ބޭރުގައި، އިންތިހާއަށް ތަދުވާ ބިހިގަނޑެއް ނެގުން އަދި ބައެއް ފަހަރު ދުލާއި އަނގަ ތެރެއިން މަތީ ތައްޔަށް ހަމަލާ ދިނުން ހިމެނޭ ކަމަށް އައިކާން ސްކޫލް އޮފް މެޑިސިންއިން ވަނީ ހާމަކޮށްފައެވެ. ހަމަލާ އަމާޒުވަނީ ކަންފަތުގެ އެތެރެއަށް ކަމުން، ވާޓިގޯ ނުވަތަ ބޯ އެނބުރުން ފަދަ ފަދަ އަލާމާތްތަކާއި، ކަންފަތު ތެރެއިން ތޫލި ރަނގަބީލެއްގެ އަޑު އިވުން ފަދަ ތަކުލީފުތައްވެސް ބައެއް މީހުންނަށް ކުރިމަތި ކުރުވައެވެ.

ރެމްޒީ ހަންޓް ސިންޑްރޯމްގެ ސަބަބުން، ހަމަލާ އަމާޒުވާ ފަޅިއެއްގެ ކަންފަތުގެ އިވުން ގެއްލިދާ ގޮތްވެސްވެއެވެ. ބީބާއަށް ކުރިމަތިވި ފަދައިން، މޫނުގެ އެއް ފަރާތުން ވާގިދާގޮތްވެސްވެއެވެ. ރެމްޒީ ހަންޓް ސިންޑްރޯމްގެ ސަބަބުން ލޯމަރަން ދަތިވެ، މޫނުމަތީގެ ހަރަކާތްތަކަށް ހުރަސް އެޅޭ ފަހަރު އާދެއެވެ. އަދި ކައިބޮއި ހެދުމުގައި، ވާގި ދޫވެފައިވާ ފަޅިން ބޭރަށް، އަންގައިން ކާއެއްޗިހި ނުކުންނަ ގޮތްވެސްވެއެވެ.

ރެމްޒީ ހަންޓް ސިންޑްރޯމްއަށް އޮތް ފަރުވާއަކީ ސްޓެރޮއިޑްސްއާއި ތަދު ކަނޑުވާ ބޭހެވެ. އަދި ހާޕީޒް އާއިލާގެ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުން ކުރާ އެންޓިވައިރަލްގެ ފައިދާވެސް ކުރެއެވެ.

މައުންޓް ސައިނާއީއިން ބުނާ ގޮތުގައި މި ހާލަތު މެދުވެރިވުމަށްފަހު އެންމެ ފުރިހަމައަށް ރަނގަޅުވެދާނެ ކަމުގެ ކަށަވަރު ކަމެއް ނެތެވެ. ނަމަވެސް މަސްތަކެއްގެ ތެރޭގައި ބައެއް މީހުންގެ ބަލި ފަސޭހަވެފައިވެސް އެބަހުއްޓޭވެ. ބަލުން ރަނގަޅުވުމުގެ ފުރުސަތު ބޮޑުވަނީ، ބަލީގެ ވީހާވެސް ކުރީކޮޅުގައި، ބަލި ދެނެގަނެވިގެންނެވެ.

މިކަމުން ރައްކާތެރިވާން ފާނަބަސަންދުން ރައްކާތެރިވުން މުހިންމު ކަމަށާ، އެކަމަށް ޖެހޭނީ ފާނަބަސަންދު ވެކްސިން ޖަހަންކަމަށް ޑރ ފައިސަލްގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

އާންމު ގޮތެއްގައި ފާނަ ބަސަނދުން ރައްކާތެރިކޮށްދޭ ވެކްސިން ޖަހާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، އުމުރުން 18-12 މަހާއި ދެމެދުގެ ކުޑަކުދިން، ވެކްސިން ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު ފާނަ ބަސަނދު ނުޖެހިތިބޭ ކުޑަކުދިން، ފާނަ ބަސަނދު ނުޖެހި ތިބޭ ޒުވާނުންނާއި ބޮޑެތި މީހުން،ނ ކުރިން ފާނަ ބަސަނދު ޖެހިފައިވާކަން ނުވަތަ ނޫންކަން ޔަގީންނުވާ މީހުން، ކުރިން ވެކްސިން ނުޖަހައި، އަދި ބަލި ވެސް ނުޖެހި ވަނިކޮށް ފާނަ ބަސަނދު ޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅޭމީހުން އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ފާނަ ބަސަނދު ނުޖެހިތިބިމީހުންނެވެ.

ވެކްސިން ދިނުން އެދެވިގެންނުވާ ނުވަތަ ދިނުން ފަސްކޮށްލަންޖެހޭ ފަރާތްތަކެއްވެސް ހިމެނެއެވެ. އޭގެ ތެރޭގައި މާބަނޑުމީހުން، ބަލިވެ އިނުމަށް ވިސްނަމުންދާ މީހަކު ވެސް، ވެކްސިން ޖެހުމަށްފަހު 1 މަހުގެ މުއްދަތެއް ހޭދަކޮށްފައި މެނުވީ ބަލިވެ އިނުމަކީ ރަގަޅު ކަމެއް ނޫނެވެ. މީގެ އިތުރުން، ހަށިގަނޑު ދިފާއީ ބާރު ދެރަވެފައިވާ ފަރާތްތައް، އެންޓިބަޔޮޓިކް "ނިއޯމައިސިން" އަށް އަދި ޖިލެޓިން އަށް ނުގުޅޭ މީހުން، އެއްވެސް ބައްޔަކަށް "ސްޓީރޮއިޑް" ބޭނުންކުރަމުންދާ މީހުން، ވަރަށް ފަހުން ލޭއަޅާފައިވާ މީހުން އަދި އެއްވެސް ބައްޔަކަށް އެސްޕިރިން ބޭނުންކުރަމުންދާ މީހުންވެސް މި ގިންތީގައި ހިމެނެއެވެ.