ބައެއް ކަހަލަ ކުށް ކުރާ މީހުންނާ ދެކޮޅަށް އިއްވަމުން ދާ ލާޒިމު މަރުގެ ހުކުމް އުވާލަން ނިންމާފައި ވާ ކަން މެލޭޝިއާއިން ކަށަވަރު ކޮށްދީފައެވެ.

ގަސްތުގައި މީހުން މެރުމާއި ޓެރަރިޒަމް ފަދަ ބޮޑެތި ކުށް ކުރާ މީހުންގެ މައްޗަށް އިއްވަމުން ދިޔަ ލާޒިމު މަރުގެ ހުކުމް އުވާލުމަށްފަހު، އެންމެ އެކަށީގެންވާ ބަދަލު އަދަބެއް ކަނޑައެޅުމުގެ ބާރު ޣާޟީއަށް ދިނުމަށް މެލޭޝިއާއިން ވަނީ ނިންމާފައެވެ.

މެލޭޝިއާގެ ލޯ މިނިސްޓަރު ވާން ޖުނައިދީ ތުއަންކޫ ޖައުފަރު ވިދާޅުވީ، ލާޒިމު މަރުގެ ހުކުމް އިއްވަމުން ދިޔަ 11 ކުށަކަށް، ތަޖުރިބާކާރުން ޕެނަލަކުން ހުށަހަޅާފައިވާ ބަދަލު އަދަބުތައް، ސަރުކާރުން މުރާޖާ ކުރާނެ ކަމަށެވެ. އަދި މަރުގެ ހުކުމް އިއްވަމުންދާ އިތުރު 22 ކުށެއްގެ ކަންކަންވެސް ސަރުކާރުން ވިލަރެސް ކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވާން ޖުނައިދީ ވިދާޅުވީ، މިނިންމުމަކީ މެލޭޝިއާގެ ސަރުކާރަކީ ހުރިހާ އެންމެންގެ ހައްގުތައް ކަށަވަރުކޮށްދީ، ހިމާޔަތް ކޮށްދޭނެ ސަރުކާރެއް ކަން ދައްކައިދިނުން ކަމަށެވެ.

މަރުގެ ހުކުމް އުވާލުމާ ދެކޮޅަށް މެލޭޝިއާގެ ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ފެށީ އޮކްޓޯބަރު 2018 ގައެވެ. އެއަށްފަހު މެލޭޝިއާގެ ސަރުކާރު ބަދަލުވިއެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުން އޮތީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.

މެލޭޝިއާގެ މީޑިއާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި މެލޭޝިއާގެ މަރުގެ ހުކުމް އިއްވާ، ތަންފީޒު ކުރަން ޖެހިފައި ވާ 1300 މީހުން (ޑެތު ރޯ) ގައި އެބަތިއްބެވެ.

އދއިން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރަމުންދާ ގައުމުތަކުން އެކަން ކުރަންވީ، އެންމެ ސީރިއަސް ކުށްތައް ކުރާ މީހުންގެ މައްޗަށް އެކަނި ކަމުގައި ހެދުމަށް ގޮވާލާފައެވެ.

އިސްލާމީ ޝަރިއަތަކީ ކަނޑައެޅިގެން ވަކި ކުށްތަކަކަށް މަރުގެ ހުކުމް ބަޔާންވެގެންވާ ޝަރިއަތެއްކަން ފާހަގަ ކުރަން ޖެހެއެވެ.