ފިތުރު އީދު ދުވަހު ހެނދުނު މަޖިދީމަގާއި ޖަނަވަރީމަގު ގުޅޭ ސަރަހައްދުގައި ހިންގި މާރާމާރީ އާ ގުޅިގެން ހޯދަން އިއުލާނު ކޮށްފައިވާ ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ހޯދަން އަނެއްކާ ވެސް ފުލުހުން އިއުލާން ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މިހާރު ހޯދަމުންދާ ހަތަރު މީހުންނަކީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދުދީދީ (27އ) އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހްމަދު ރަބީއު (24އ) އާއި ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ) އަދި ސ. މަރަދޫ/ ކޮރަލް، އަހްމަދު ސާތިއު (21އ) އެވެ.
ފުލުހުން ބުނީ، އެ ހަތަރު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ވަނީ ޝުކުރު އަޑާ ކޮށްފައެވެ.
މިދިޔަ މެއި މަހުގެ 5 ވަނަ ދުވަހު ފުލުހުން ވަނީ މި މާރާމާރީގެ މައްސަލައާ ގުޅިގެން 7 މީހަކު ހޯދަން އިއުލާން ކޮށްފައެވެ. އެ 7 މީހުންގެ ތެރޭގައި މިއަދު އިއުލާން ކުރި ހަތަރު މީހުން ހިމެނެއެވެ.
ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހަތް މީހަކު ހޯދުމަށް ކުރިން ވަނީ އިއުލާނުކޮށްފައެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.
މިމީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުން ވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.