އެސްޓީއޯގެ ދަށުން ހިންގާ ރާއްޖޭގެ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކުންފުނިން ގެންނަން ބުނެފައިވާ 45،000 މެޓްރިކް ޓަނުގެ އާގުބޯޓެއް ކަމަށް ވާ އެމްއެސްއެސް ކްރޯމް ރާއްޖެ އައިސްފިއެވެ.

އެމްއެސްއެސް އިން ބުނީ، އެ ކުންފުނީގެ ކުރިއަރަމުން އަންނަ ފްލީޓަށް، ރާއްޖޭގެ އެންމެ ބޮޑު ކޮންޓެއިނާ ބޯޓު އެމްއެސްއެސް ކްރޯމް، މާލޭ ކޮމާޝަލް ހާބަރަށް މިއަދު ވަނުމާއެކު ވޯޓާ ސެލިއުޓާއެކު މަރުޙަބާ ކިޔާފައިވާ ކަމަށެވެ. މިއީ އެ ކުންފުންޏަށް ވަރަށް ތާރީހީ ދުވަހެއްގެ ގޮތުގައި އެމްއެސްއެސް އިން ސިފަކުރެއެވެ.

މި ބޯޓަކީ 23 ކްރޫންގެ ޖާގައިގެ ބޯޓެއް ކަމަށާއި މި ބޯޓު ރާއްޖެއަށް އައިސްފައި ވަނީ ރާއްޖެއަށް އެތެރެ ކުރި 41،500 މެޓްރިކް ޓަނުގެ ހިލަވެއްޔާއި ވެލި ހިފައިގެން ކަމަށް އެމްއެސްއެސް އިން ބުނެއެވެ.

އެސްޓީއޯ އަކީ ހަމައެކަނި ކާޑުގެ ބާވަތްތައް ގެންނަ ކުންފުންޏެއް ނޫނެވެ. އެކުންފުންޏަކީ ރާއްޖެ އަށް ކޮންސްޓްރަކްޝަން މެޓީރިއަލް ވެސް ގެންނަ ކުންފުންޏެއް ކަމަށާއި މިފަހަރު އެމްއެސްއެސް އިން ގެންނަ ބޯޓަކީ، ބޯޓުގެ ވަތަށް ތަކެތި އޮއްސާލައިގެން ގެނެވޭނެ ބޯޓެއް ކަމަށް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވަނީ ވިދާޅުވެފައެވެ.

އެމްއެސްއެސްއިން ގެނައި އެކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓު، "އެމްއެސް ގަލޭނާ" ފުރަތަމަ ފަހަރަށް މުދަލާއެކު ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރު ފަހުކޮޅެވެ. އެ ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ.

އެމްއެސްއެސް އުފެއްދީ 2020 ވަނަ އަހަރު އެވެ. މި ކުންފުންޏަކީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން މިހާރު އަމިއްލަ އެއް ބޯޓު އޮޕަރޭޓް ކުރަމުން އަންނަ އިރު މިއަދު މި ވަނީ ދެވަނަ ބޯޓެއް ރާއްޖެއަށް ގެނެސްފައެވެ. އަދި އަލަށް ގަތް އިތުރު ބޯޓެއް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.