ފަތުރުވެރިންގެ މެދުގައި ރާއްޖެ މަގްބޫލު ވަނީ ރާޢްޖޭގެ ގުދުރަތީ ނިއުމަތުގެ ސަބަބުން ކަމަށާއި، ރާއްޖޭގެ ގުދުރަތީ ރީތިކަން ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އާންމުން ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ދިރިއުޅެން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރާއިރު، ނެތިގެންދާ ތަކެއްޗާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ މެދު ވިސްނާލަން ޖެހެއެވެ.

ހަމަ އެއާއެކު، ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ:

  • ޖައްވު ހޫނުވެ، ނުސާފުވާ ކަމަށް
  • ރާއްޖެއާއި ބޭރު ގައުމުތަކުގައި ފެން ބޮޑުވުމާއި އުދަ އެރުން ފަދަ ހާދިސާތައް އިތުރުވެފައިވާ ކަމަށް
  • އެ ކަމުގެ ސަބަބުން ދަނޑުވެރި ކަމަށާއި، އެހެނިހެން ކަންކަމަށް ގެއްލުން ލިބެމުންދާ ކަމަށް

އެހެންކަމުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާ މެދު، ގައުމުތަކުގެ އިސްވެރިންނާއި، ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ފަރާތްތަކުން ދައްކާ ވާހަކައިގެ އިތުރުން، އެކަމުގައި ބައިވަރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި، އެގޮތުން މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭ ރާއްޖެ ހިމެނޭއިރު، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަކީ ހަމައެކަނި ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި، ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަގްބޫލު މަންޒިލެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ފަތުރުވެރިންގެ ސަމާލުކަން ލިބެނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ސަބަބުން ކަމަށާއި، ވުމާއެކު ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ވާސިލްކޮށްދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.