ރިސޯޓު އިންޑަސްޓްރީގައި ނަން މަޝްހޫރު އެސްޓްރަބޮން އިން ރާއްޖޭގައި ވިއްކާ އިންޓަނޭޝަނަލް ބްރޭންޑްތައް ދައްކާލުމަށް ބާއްވާ ހާއްސަ އެކްސްޕޯ ހުޅުވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މާލޭގައި ހުންނަ މެންހެޓާން ބިޒްނަސް ހޮޓެލްގައި މި މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 'އެސްޓްރަބޮން އެކްސްޕޯ 2022" 3 ދުވަހެއްގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ 2 ދުވަހަކު ހެނދުނު 10 އިން ހަވީރު ފަހަކަށް އަދި 3 ވަނަ ދުވަހު އޮންނާނީ ހެނދުނު 10 އިން މެންދުރު ފަހު 3 އަށެވެ.

އެސްޓްރަބޮން އިން ބުނާ ގޮތުގައި މި އެކްސްޕޯއެއް ބޭއްވުމުގެ މަގުސަދަކީ އެ ކުންފުނިން ވިއްކާ ބައިނަލްއަގުވާމީ އެކި އެކި ބްރޭންޑްތަކުގެ އުފެއްދުންތައް ގާތުން ބަލާލައި އެ ބްރޭންޑްތަކުގެ ކޮލިޓީ ކައިރިން ވަޒަން ކޮށްލުމުގެ ފުރުސަތު ދިނުމެވެ. އަދި އެކްސްޕޯއަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތަކަށް ވެސް، އެސްޓްރަބޮން އިން ރިސޯޓްތަކަށް ވިއްކާ އެކި އެކި މުދަލާއި އެކުންފުނިން ވިއްކާ ކެއިންބުއިމުގެ އުފެއްދުންތައް ވެސް ފެނިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ބަދިގޭގައި ގެންގުޅޭ ފެންވަރު ރަނގަޅު ތަކެއްޗާއި ދޮވެ އިސްތިރިކުރުމުގައި ބޭނުން ކުރާ އެކި އެކި އުފެއްދުންތަކާއި އަދި ގޭގައި ގެންގުޅޭ އެކި އެކި އިލެކްޓްރިކް ސާމާނު ހިމެނޭއިރު އެސްޓްރަބޮން ކުންފުންޏަށް މުދާ ސްޕްލައިކުރާ 10 ނުވަތަ 15 އިންޓަނޭޝަނަލް ކުންފުނިން އެ އެކްސްޕޯގައި އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

އެހެން ކަމުން މިއީ، އެސްޓްރަބޮން ކުންފުނިން މިހާރު ވެސް ވިޔަފާރި ކުރާ ފަރާތްތަކާއި އެކުންފުނީގެ އުފެއްދުންތައް ގަންނަން ބޭނުންވާ ފަރާތްތަކުން ކޮންމެހެން ވެސް ޒިޔާރަތް ކުރުން މުހިންމު އެކްސްޕޯއެއް ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ.