ރިސޯޓް ސަޕްލައިސްގައި މަޝްހޫރު އެސްޓްރަބޮން އަށް ރޭ ވަގުން ވަދެ ފައިސާ އާއި ބައެއް ތަކެތި ވަގަށް ނަގައިފިއެވެ.

އޯކިޑްމަގުގައި ހުންނަ އެސްޓްރަބޮން ޝޯރޫމަށް ރޭ ވަގުން ވަދެފައި ވަނީ، ފެންލައިޓެއް ހަލާކުކޮށްލައިގެންނެވެ.

ވަގު ވަންނަނިކޮށް ނެގިފައި ހުރި ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުން 2 މީހަކު ވަދެފައި ވެއެވެ.

އެސްޓްރަބޮން ގެ އޮފީހުން ބުނީ ވަގުން ވަދެ ޝޯރޫމްގެ ކައުންޓަރުގެ ވަތްގަނޑު ހަލާލުކޮށްލައިގެން ވަތްގަނޑުގައި ހުރި ފައިސާގެ އިތުރުން 4 ލެޕްޓޮޕާއި ވަޅިއެއް ވަގަށް ނަގާފައި ވާ ކަމަށެވެ.

އެސްޓްރަބޮން ޝޯރޫމްގައި ވިއްކަން ހުރި ބައެއް ތަކެތި

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުހަށް ހުށަހަޅާފައި ވާ އިރު މައްސަލަ ބަލަމުން އަންނަ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އެސްޓްރަބޮން އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓް އަދި ހޮޓެލް، އަދި ރެސްޓޯރަންޓް ތަކާއި އެއާޕޯޓުތަކަށް ބޭނުންވާ ޔޫރަޕްގެ ކޮލިޓީ މޮޅު ބްރޭންޑްތަކުގެ ތަކެތި ވިއްކާ ތަނެކެވެ.

މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ވައްކަން ކުރާ މިންވަރު އިތުރުވަމުން ދާއިރު ވަގަށް ނަގާ އަގުހުރި ތަކެތި ހޯދުމުގައި ގިނަފަހަރު ދަތިތަކެއް ކުރިމަތިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވައްކަމާއި ފޭރުމުގެ 1721 މައްސަލައެއް ރިޕޯޓު ކޮށްފައި ވެއެވެ. އޭގެ ތެރެއިން 730 މައްސަލައެއް ތަހުގީގު ކޮށްފައި ވާއިރު 36 މައްސަލައެއް ވަނީ ޕީޖީއަށް ފޮނުވާފައެވެ.

އެންމެ ގިނައިން މިފަދަ މައްސަލަތައް ރިޕޯޓު ކޮށްފައި ވަނީ މާލެ ސިޓީންނެވެ. މި މައްސަލަތަކުގައި 178 މީހަކު ހައްޔަރު ކޮށްފައި ވާއިރު އޭގެ ތެރެއިން 177 މީހުންނަކީ ފިރިހެނުންނެވެ.