ރާއްޖޭގައި އެކި ބޭނުންތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމަށް އެހީތެރިވުމަށް، ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދިނުމަށް ރޭ ފާސްކޮށްފިއެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންކުރުމަށް ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވޯލްޑް ބޭންކުން ނިންމީ އެ ތަނުގެ އިސްވެރިންގެ ބޯޑުން ބޭއްވި ބައްދަލުވުމުގައެވެ. ވޯލްޑް ބޭންކުން ބުނިގޮތުގައި، އެ އެހީގެ ބޭނުމަކީ ރާއްޖޭގެ އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކޮށް، ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކޮށް އޭގެ ރައްކާތެރިކަން އިތުރުކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުންވާ ގެއްލުންތަކަށް ހޭނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް އެހީތެރިކަން ދިނުމެވެ.

ވޯލްޑް ބޭންކުން ރޭ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން:

  • ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފުޅާވެފައި އޮތް ނަމަވެސް، އަތްފޯރާ ފަށުގައި ފެންވަރު ރަނގަޅު ހިދުމަތް ލިބުމުގައި ދަތިތައް އެބަހުރި
  • ގާނޫނީ ނިޒާމާއި އެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ހުރި ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް އިންޓަނެޓުގެ ބޭނުން ހިފުމަށް ދަތިވޭ
  • އެކަމުގެ ސަބަބުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ރައްކާތެރިކަމާ އެކު ލިބުމަށް ދަތިވޭ
  • މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ހެދި، ލާމަރުކަޒު ކުރުމާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ބޭނުންތެރިކަން ބޮޑު

އެތަނުން ރާއްޖެ އާއި ލަންކާ އާއި ނޭޕާލަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާު-ޒާވޮސް ފާހަގަކުރެއްވި ގޮތުގައި، ކޮވިޑާ އެކު، ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުންދާ ދިއުން އަވަސްވެ، އާ އޮންލައިން ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް އުފެދުން އިތުރުވެފައިވެއެވެ.

"މި ފުރުސަތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ތަރައްގީ ހާސިލްކުރުމުގެ އިތުރުން، މިހާރަށް ވުރެ ރަނގަޅު އިގްތިސޯދެއް ބިނާކުރަން ރާއްޖެއަށް އާ ފުރުސަތުތަކެއްގެ ބޭނުން ހިފިދާނެ." އޭނާ ވިދާޅުވިއެވެ.

އެ ބަޔާނުގައި ވޯލްޑް ބޭންކުން ބުނީ، ރާއްޖޭގައި އަލަށް ފަށާ "ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން ޕްރޮޖެކްޓް"ގެ ދަށުން:

  • ރާއްޖޭގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރުމަށާއި، އިންޓަނެޓު ހިދުމަތް ދޭން ބޭނުންކުރާ ވަސީލަތްތަކާއި ޑޭޓާ ގަވަނަންސް އަދި ޑިޖިޓަލް އިގްތިސޯދެއް ބިނާކުރުމަށް ބޭނުންވާ އޮނިގަނޑުތައް ހަރުދަނާކޮށް، ކަމާބެހޭ އިދާރާތައް ވަރުގަދަކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް
  • އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޮމިއުނިކޭޝަން އޮތޯރިޓީ އާއި އެންސީއައިޓީގެ ގާބިލުކަން ހަރުދަނާ ކުރާނެ ކަމަށް
  • މޫސުމާ ގުޅުންހުރި މައުލޫމާތު ހިއްސާކޮށް އޭގެ އެނަލިސިސް ހެދުމުގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، އެ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޑޭޓާ އަށް ބިނާކޮށް ސިޔާސަތުތައް ކަނޑައަޅައި، ކަންކަން ރޭވުން ހަރުދަނާކުރުމަށް ފަހުގެ ޒަމާނީ ކްލައިމެޓް ޑޭޓާ ޕްލެޓްފޯމެއް ގާއިމްކުރާނެ ކަމަށް

"މި މަޝްރޫއުގެ ސަބަބުން މިހާރަށް ވުރެ ރައްކާތެރި އަދި ޒާތީ މައުލޫމާތުގެ ސިއްރުކަން ދެމެހެއްޓޭނެ އައިޑެންޓިފިކޭޝަން ނިޒާމުތަކާ އެކު، އިންޓަނެޓް މެދުވެރިކޮށް އިތުރު އަދި އަގުހެޔޮ ހިދުމަތްތައް ފޯރުކޮށްދެވޭނެ،" ކޮމިއުނިކޭޝަން އޮތޯރިޓީ އާއި އެންސީއައިޓީ އާއި ޑީއެންއާރާ އެކު، ޓެކްނޮލޮޖީ މިނިސްޓްރީން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ކޯ-ޓާސްކް ޓީމް ލީޑަރު ޖެރޯމް ބެޓީނާ ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ބުނީ، ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ ހަމަޖެހިފައިވަނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ތަނުގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގައި ކަމަށެވެ.

ދާދިފަހުން ވޯލްޑް ބޭންކުން ވަނީ މަސައްކަތްތެރިންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި އިންޝުއަރެންސާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 24 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފައެވެ.