ސްރީލަންކާއިން ގެއްލިގެން ހޯދަމުން ދަނިކޮށް، މަރާލާފައި އޮއްވާ ފެނުނު ފާތިމާ އާއިޝާ، 9، ގެ މަރަށް އިންސާފު ހޯއްދަވާދެއްވާނެ ކަމަށް، އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވައުދުވެވަޑައިގެންފިއެވެ.

އަތަލުގަމަ ސަރަހައްދުގައި މައުސޫމު، ކުޑަކުއްޖަކު މަރާލާފައި ވާ އިރު، ގާތިލުން ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށްޓަކަައި ހަލުވި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ގޮތަބަޔާ ވަނީ ވައުދުވެވަޑައިގެންފައެވެ.

އާއިޝާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ގޮތަބަޔާ ވިދާޅުވީ، ކުޑަ ކުއްޖާގެ އާއިލާއަށް އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާ ކަމަށާ، އެ ކުޑަ ކުއްޖާ މަރާލަފައި ވަނީ އެއްވެސް ބޭނުމެއް ނެތް ގޮތެއްގައި ކަމަށެވެ.

ގެއްލިގެން ހޯދަމުން ދިޔަތާ 1 ދުވަސް ފަހުން، އާއިޝާގެ ހަށިގަނޑު ފެނިފައި ވަނީ ބަންޑާރަގަމަ ސަރަހައްދުގެ ހަނޑޫ ދަނޑަކުންނެވެ. ފެނިފައި ވަނީ، ބަންޑާރަގަމައިގައި އޮންނަ އަތުލަގަމަ ސަރަހައްދުގެ، އަލް ގަޒާއްލީ ސްކޫލުގެ ގުރޭޑު 4 ގައި ތައުލީމު ހާސިލު ކުރަމުން ދިޔަ އާއިޝާގެ ހަށިގަނޑުކަން ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އާއިޝާ ގެއްލުނު ކަމަށް ހަބަރު ލިބެނީ މެއި 27 ވަނަ ދުވަހުގެ ހެނދުނު 10:15 ހާ އިރުއެވެ. އާއިޝާ ގެއްލުނީ، އޭނާ ދިރިއުޅެމުންދާ ގެއާ ގާތްގަނޑަކަށް 200 މީޓަރު ދުރުގައި ހުންނަ ފިހާރައަކަށް، ކުކުޅު ގަންނަން ދިޔަ ފަހުންނެވެ. ފިހާރައަށް ދިޔަ އާއިޝާ އަނބުރާ ގެއަށް ނަންނާތީ، ދަރިފުޅު ގެއްލުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅީ އާއިޝާގެ މަންމައެވެ.

ފުލުހުންގެ އިސް އޮފިސަރަކާ ހަވާލާދީ ލަންކާ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އާއިޝާގެ މަރުގެ މައްސަލާގައި، އޭނާގެ ބައްޕައާވެސް ގިނަ އިރުތަކެއް ވަންދެން ސުވާލު ކޮށްފައިވެއެވެ.

އާއިޝާގެ ހަށިގަނޑު ފެނުނުއިރު އޭނާއަށް އަނިޔާތަކެއް ދީފައި ވާ ކަމުގެ ސައްހަ މައުލޫމާތެއް އަދި ނުލިބެއެވެ. އަދި އޭނާގެ މަރާ ގުޅޭ އިތުރު ތަފްސީލުތަކެއްވެސް ކަށަވަރެއް ނުވެއެވެ.