2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ހުއްދަނެތި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަތް ސްރީލަންކާގެ މަސްބޯޓެއް ދައުލަތަށް ނެގުމަށާއި، އެއް ދުވަސް ތެރޭގައި 6 ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގެ އިސްގާޒީ މަރްޔަމް ވަހީދު ކުރެއްވި ހުކުމުގައިވަނީ، ބޯޓުގެ ވެރިފަރާތުން އެ ބޮޑު ޖޫރިމަނާ އެއް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ހުކުމްކޮށްފައެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އަތުލައިގަތް ލަންކާ ބޯޓުން ގިނަ އަދަދެއްގެ މަސް ފެނިފައިވެއެވެ. ނަމަވެސް ބޯޓުގެ ވެރިފަރާތުން ވަނީ ރާއްޖޭގެ ސަރަހައްދުން ހުއްދަ ނެތި މަސްވެރިކަން ކުރި ކަމަށާއި ދާ އެޅި ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ބޯޓުގެ ވެރިފަރާތާއެކު ވާޗުއަލްކޮށް ބޭއްވި އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް އޭނާ ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެވުނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ހާލުގައި ޖެހިގެން ކަމަށެވެ.

މިދިޔަ އޭޕްރިލް މަހުވެސް ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް ލަންކާގެ އެހެން މަސްބޯޓެއް 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.