މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުމާލޭގައި 1،927 ގަސް މިއަދު އިންދައިފިއެވެ.

އެ ސްކޫލްގެ ފަރާތުން 1،927 ގަސް ހުޅުމާލޭގައި އިންދާފައި ވަނީ އެ ސްކޫލްގެ ފަރާތުން ހިންގާ "މަޖީދިއްޔާ ފޯ ނޭޗާ" ޕްރޮގްރާމްގެ ދަށުން، ހުޅުމާލޭގެ ރުށްގަނޑު-2 ގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތެއްގައެވެ. ހުރިހާ ގަހެއް ވެސް އިންދާފައި ވަނީ އެއްފަހަރާއެވެ.

މިއަދު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ބައިވެރިވެ ވަޑައިގަތެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސުހައިލް ވިދާޅުވީ، ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅިގެން އެޗްޑީސީގެ ފަރާތުން ބައިވަރު ހަރަކާތްތަކެއް ރާވާފައިވާނެ ކަމަށާއި، އެގޮތުން ތިމާވެއްޓަށް ދެވޭ ގެއްލުން ކުޑަކޮށް، މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މަސައްކަތުގެ ތެރެއިން ހުޅުމާލެ ފެހި ކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.

މަޖީދިއްޔާ ސްކޫލްގެ ގަސް އިންދުމުގެ ހަރަކާތުގައި ނައިބު ރައީސާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބައިވެރިވެ ވަޑައިގަންނަވަނީ / ފޮޓޯ: އެޗްޑީސީ

"މިގޮތުން ހުޅުމާލެ ފެހި ކުރުމަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ވާހަކަ ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއަހަރު މަޖީދިއްޔާ ސްކޫލަށް ވަނީ 95 އަހަރު ފުރިފައެވެ. 1927 ވަނަ އަހަރު ހުޅުވި އެ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގެ އެންމެ ގިނަ ދުވަސްވީ އެއް ސްކޫލެވެ. ދެ ޖިންސު މަސްހުނިކޮށްގެން މިހާރު މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެމުންދާއިރު، އެއީ ކުރިން ފިރިހެން ކުދިންނަށް ކިޔަވައިދެމުން ދިޔަ ސްކޫލެވެ.

ދިގު ތާރީހެއް އޮންނަ މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލްކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސުން ކަމަށްވާ ސުމުއްވުލް އަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރާއި، މައުމޫން އަބްދުލް ގައްޔޫމާއި، މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވައެވެ. މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލްކުރައްވާފައިވެއެވެ.

ގަސް އިންދުމުގެ ހަރަކާތުގެ އިތުރުން، މަޖީދިއްޔާ ސްކޫލުން ވަނީ އެ ސްކޫލަށް 95 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، "މަޖީދީ ރަން"ގެ ނަމުގައި 95 ގަޑިއިރުގެ ދުވުމެއް ބާއްވާފައެވެ.

މަޖީދިއްޔާ ސްކޫލްގެ އިތުރުން، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކަލާފާނު ސްކޫލުން ވެސް ހުޅުމާލޭގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.