މީގެ 2000 އެއްހާ އަހަރު ކުރިން ވެސުވިއަސް އަލިފާންފަރުބަދަ ގޮވާ، އަޅިތަކުގެ އަޑީގައި ގަރަގުވި ޕޮމްޕޭގެ 2 މީހެއްގެ ކަށިގަނޑުން ޑީއެންއޭ ސާމްޕަލް ނަގާ، ޖެނެޓިކް ސިއްރުތަކެއް ދެނެފައި ވާ ކަމަށް، ޕޮމްޕޭއިން ފެންނަ ހަށިގަނޑުތައް ދިރާސާ ކުރަމުންދާ ރިސާޗަރުން ބުނެފިއެވެ.

މިއީ ޕޮމްޕޭގައި ވަޅުލެވިފައިވާ މީހުންގެ ހަށިގަނޑުތަކުގެ ތަފްސީލީ ޖެނެޓިކް ދިރާސާތަކެއް ހެދި ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ. އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑުން ޑީއެންއޭ ސާމްޕަލް ނަގާފައި ވާ އިރު، އެ ހަށިގަނޑުތަކުގައި ޑީއެންއޭ ރައްކާ ކުރެވިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޑީއެންއޭ ސާމްޕަލް ނަގާ، ޖެނެޓިކް ސިއްރުތައް ދެނެގަތް ހަށިގަނޑުތައް އެންމެ ފުރަތަމަ ފެނުނީ 1933 ވަނަ އަހަރުއެވެ. ހަށިގަނޑު ފެނުނުއިރު އޮތް ގޮތަށް ބަލާއިރު، އޯގަސްޓް 24، 79އޭޑީގައި އަލިފާން ފަރުބަދަ ގޮވިއިރު އެމީހުން ތިބީ މެންދުރުގެ ކޭމަށް އިންސާފު ކުރަން ކަމަށް ބެލެވޭ ކަމަށް ދާއިރާގެ ތަޖުރިބާކާރުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

ދާދި ފަހުގެ ދިރާސާއެއްގައި ބަޔާން ކޮށްފައި ވާ ގޮތުން ވެސުވިއަސް އަލިފާންފަރުބަދަ ގޮވައިގެން އުފެދުނު އަޅީގެ ބޯ ވިލާގަނޑަކީ، އެންމެ 20 މިނެޓްގެ ތެރޭގައި ޕޮމްޕޭގެ ރައްޔިތުންގެ ފުރާނަ ގެއްލުވާލާ ފަދަ ވަރުގަދަ ވިލާގަނޑެކެވެ.

ދިރާސާގައި ބޭނުން ކުރި 2 ހަށިގަނޑާ ބެހޭ ގޮތުން، ޔުނިވާސިޓީ އޮފް ސަލެންޓޯގެ އެންތުރޮޕޮލޮޖިސްޓް ޑރ ސެރީނާ ވީވާ ވިދާޅުވީ، ހާދިސާއިން ސަލާމަތް ވުމަށް އެ 2 މީހުން މަސައްކަތް ކޮށްފައި ވާ ކަމަކަށް ނުބެލެވެއެވެ.

ފިރިހެން މީހާގެ ކަށިގަނޑުން ނެގި ސާމްޕަލްތަކުން ދެއްކި ގޮތުގައި އެމީހާގެ ހަށިގަނޑުގައި ޓިއުބާކިއުލޯސިސް (ޓީބީ) ވައިރަހުގެ އަސަރު އެކުލެވެއެވެ. އެހެން ކަމުން އެމީހަކީ މަރުވުމުގެ ކުރިން އެ ބަލި ޖެހިފައި ހުރި މީހެއް ކަމަށް ބެލެވެއެވެ. އަދި އޭނާގެ ބޮލުގެ ނާށިގަނޑުން އެއްކުރި މައުލޫމާތު އެމީހާގެ ޖެނެޓިކް ކޯޑް އެކީއެކައްޗަކަށް ލިބިފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

އިޓަލީގެ ގަދީމީ ރަށެއްކަމުގައިވާ ޕޮމްޕޭގެ ރައްޔިތުންނަކީ، އިހުގެ ރޯމަނުންގެ ތެރޭގައި އުޅުނު އެންމެ ބޮޑެތި މުއްސަދިން އުޅެމުންދިޔަ ރަށްކަމަށް ބެލެވެއެވެ. ބުނެވޭ ގޮތުގައި އެ މީހުންނަކީ ޖިންސީ އުފާ ހޯދުމާއި، އެއް ޖިންސުގެ ގުޅުން ހިނގުމާއި، ރާބުއިމާއި، ޖުވާ ކުޅުމާއި، އަޅުންނަށް އިހާނެތި ގޮތްތައް ހަދައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުުގައި ހައްދު ފަހަނަޅައިފައިތިބި ބައެކެވެ. މި އާބާދަށް ނިމުން އައީ، ވެސޫވިއަސް އަލިފާންފަރުބަދައިގެ ވަރުގަދަ ގޮވުމާއެކުގައެވެ. އެންމެ ދުވަހެއްގެ ތެރޭގައެވެ.

ފަރުބަދަތަކުން ފައިބަމުންދިޔަ ވިހަ ގޭހާއި އަޅިތައް ރަށުތެރެއަށް ފައިބައި ރަށުތެރޭގައި ވައި ބަންދުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންތިބި ގޮތަށް އެހަރަކާތުގައި ތިބެ ފަނާވެދިޔައީއެވެ. ހަށިތައް މިއަދާ ހަމައަށް ވެސް ފެންނަންހުރީ އެމީހުންގެ އެންމެ ފަހު ސިކުންތުގެ ހަރަކާތުގައިވާތީއެވެ.

މި ދިރިސާގެ ހޯދުންތައް އާންމު ކޮށްފައި ވަނީ ސައެންޓިފިކް ރިޕޯޓްސް ޖާނަލްގައެވެ.