ރިސޯޓު އިންޑަސްޓްރީގައި ނަން މަޝްހޫރު އެސްޓްރަބޮން އިން، އެކުންފުނިން ރާއްޖޭގައި ވިއްކާ އިންޓަނޭޝަނަލް ބްރޭންޑްތައް ދައްކާލުމަށް ހާއްސަ އެކްސްޕޯއެއް ބޭއްވުމަށް ނިންމައިފިއެވެ.

'އެސްޓްރަބޮން އެކްސްޕޯ 2022" ގެ ނަމުގައި ބާއްވާ މި އެކްސްޕޯ ފަށާނީ އަންނަ މަހުގެ 7 ވަނަ ދުވަހު ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. ތިން ދުވަހަށް ކުރިއަށް ދާ މި އެކްސްޕޯ އޮންނާނީ މާލޭގައި ހުންނަ މެންހެޓާން ބިޒްނަސް ހޮޓެލްގައި ފުރަތަމަ 2 ދުވަހަކު ހެނދުނު 9 އިން ހަވީރު ފަހަކަށެވެ. 3 ވަނަ ދުވަހު އޮންނާނީ ހެނދުނު 9 އިން މެންދުރު ފަހު 3 އަށް ކަމަށް ވެސް އެސްޓްރަބޮން އިން ބުނެއެވެ.

އެކުންފުނިން ބުނީ މި ފަދަ އެކްސްޕޯއެއް ބޭއްވުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ އެކުންފުނިން ވިއްކާ ބައިނަލްއަގުވާމީ އެކި އެކި ބްރޭންޑްތަކުގެ އުފެއްދުންތައް ގާތުން ބަލާލައި އެ ބްރޭންޑްތަކުގެ ކޮލިޓީ ކައިރިން ވަޒަން ކޮށްލުމުގެ ފުރުސަތު ދިނުން ކަމަށެވެ.

މި ގޮތުން އެކްސްޕޯއަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތަކަށް ވެސް، އެސްޓްރަބޮން އިން ރިސޯޓްތަކަށް ވިއްކާ އެކި އެކި މުދަލާއި އެކުންފުނިން ވިއްކާ ކެއިންބުއިމުގެ އުފެއްދުންތައް ވެސް ފެނިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓްރަބޮން ޝޯރޫމްގައި ވިއްކަން ހުރި ބައެއް ތަކެތި

މީގެ ތެރޭގައި ބަދިގޭގައި ގެންގުޅޭ ފެންވަރު ރަނގަޅު ތަކެއްޗާއި، ދޮވެ އިސްތިރިކުރުމުގައި ބޭނުން ކުރާ އެކި އެކި އުފެއްދުންތަކާއި އަދި ގޭގައި ގެންގުޅޭ އެކި އެކި އިލެކްޓްރިކް ސާމާނު ހިމެނޭނެ ކަމަށް އެސްޓްރަބޮން އިން ބުނެއެވެ.

'އެސްޓްރަބޮން އެކްސްޕޯ 2022' އާއި ބެހޭ ގޮތުން އެކުންފުނީގެ ސީއީއޯ ޔޫސުފް ރިއްފަތު ވިދާޅުވީ، އެސްޓްރަބޮން ކުންފުންޏަށް މުދާ ސްޕްލައިކުރާ 10 ނުވަތަ 15 އިންޓަނޭޝަނަލް ކުންފުނިން މި އެކްސްޕޯގައި އުފެއްދުންތައް ދައްކާލާނެ ކަމަށެވެ.

އެހެން ކަމުން މިއީ، އެސްޓްރަބޮން ކުންފުނިން މިހާރު ވެސް ވިޔަފާރި ކުރާ ފަރާތްތަކާއި އެކުންފުނީގެ އުފެއްދުންތައް ގަންނަން ބޭނުންވާ ފަރާތްތަކުން ކޮންމެހެން ވެސް ޒިޔާރަތް ކުރުން މުހިންމު އެކްސްޕޯއެއް ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ.