ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް އަބަދުވެސް ސްރީލަންކާއަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ސްރީލަންކާއަށް ބައިނަލްއަގްވާމީ ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ވިލަރެސް ކުރުމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ އައްޔަން ކުރެއްވުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން އަބަދު ވެސް ލަންކާގެ ރައްޔިތުންނާއެކު ތިބޭނެ ކަމަށެވެ. މިހާރު އެ ގައުމަށް ކުރިމަތިވަމުން އަންނަ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި ރާއްޖެއިން ލަންކާއަށް އެއްބާރުލުން ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރާ އެކު މިއަދު ނަޝީދު ކުރެއްވި މަޝްވަރާގައި ލަންކާއަށް ދިމާވެފައި ވާ އިގުތިސޯދީ ހާލަތުން އަރައިގަތުމުގައި އެހީތެރިވެ ދެއްވަން ނަޝީދު ހުށަހެޅުއްވިއެވެ. އެ މަޝްވަރާތަކުގައި ނަޝީދު އެހެން ވިދާޅުވުމުން، ލަންކާގެ ބޮޑުވަޒީރު ވަނީ ނަޝީދުގެ ހުށަހެޅުއްވުން ގަބޫލުކުރައްވައި، އެހީގެ ކަންކަން ވިލަރެސް ކުރުމަށް ނަޝީދު އައްޔަން ކުރައްވާފައެވެ.

ސްރީލަންކާގެ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމުގެ ތެރެގައި އެ ގައުމުގެ ބޮޑުވަޒީރު ރާޖަޕަކްސާ އިސްތިއުފާ ދެއްވުމުން، ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެކްކެވި ވާހަކައިގައި ރަނިލް ވިކްރަމަސިންހަ ވަނީ، ގައުމުގެ އިގުތިސޯދު ނެގެހެއްޓެވުމުގެ ޗެލެންޖު ނަންގަވައިގެން ހުންނެވި ކަމަށާއި އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ސްރީލަންކާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކާރިސާއިން އަރައިގަތުމަށްޓަކައި ގައުމީ ފެންވަރުގެ ސިޔާސީ ކައުންސިލެއް އެކުލަވާލަންޖެހޭ ކަމަށް ރަނީލް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވަކި ރާސްތާތަކަށް ބަހާލައިގެން ކުރު މުއްދަތާއި ދިގު މުއްދަތަކުގެ ޕްލޭންތަކެއް ތަންފީޒު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.