އެސްޓީއޯގެ ދަށުން ހިންގާ ރާއްޖޭގެ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އާ ކޮންޓެއިނާ ބޯޓެއް ގަނެ ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
އެސްޓީއޯއިން ބުނީ ކޮންޓެއިނާ ބޯޓު އަންނަ މަހު ރާއްޖެއަށް ގެންނާނެ ކަމަށާއި އެ ބޯޓުގެ 12 ވަޒީފާއަކަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާއެމްމުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މިމަހުގެ 19 ގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެ ވަޒީފާތަކުގެ ތެރޭގައި އެންމެ ބޮޑު މުސާރައެއް ދޭ ގޮތަށް އެ ބުނެފައި ވަނީ ބޯޓުގެ މާސްޓާގެ މަގާމަށް މަހަކު 115،000 ރުފިޔާގެ މުސާރައެކެވެ. އަދި ބޮޑު މުސާރަ ހުރި މަގާމުތަކުގެ ތެރޭގައި ޗީފް އިންޖިނޭރަކަށް މަހަކު 107،000 ރުފިޔާ، ސެކަންޑް އިންޖިނޭރަށް މަހަކު 92،000 ރުފިޔާ ދޭނެ ކަމަށް އެ އިއުލާންގައި ބުނެފައި ވެއެވެ.
ހަމައެއާއެކު އިލެކްޓްރިޝަނަކަށް މުސާރައިގެ ގޮތުގައި މަހަކު 53،970 ރުފިޔާ، ތާޑް އިންޖިނިއަރަކަށް މުސާރައިގެ ގޮތުގައި މަހަކު 53،970 ރުފިޔާ، ތާޑް އޮފިސަރަކަށް މުސާރައިގެ ގޮތުގައި މަހަކު 38،550 ރުފިޔާ ދޭނެ ކަމަށް އެ އިއުލާންގައި ބުނެއެވެ.
މީގެ އިތުރަށް ހުރި މަގާމް ތަކުގެ ތެރޭގައި އޭބަލް ސީމޭނަކަށް 15،400 ރުފިޔާގެ މުސާރަ، ބޯޒްމަނަށް 18،504 ރުފިޔާގެ މުސާރަ، އޮއިލާއަކަށް 15،400 ރުފިޔާގެ މުސާރަ، ކުކްއަކަށް 19،000 ރުފިޔާގެ މުސާރައިގެ މަގާމްތައް ހިމެނެއެވެ. އަދި މެސް ބޯއި އަކަށް 13،560 ރުފިޔާގެ މުސާރާ އާއި ވެލްޑާއަކަށް 19،620 ރުފިޔާގެ މުސާރަައިގެ މަގާމްތައް ހިމެނެއެވެ.
އެމްއެސްއެސް އުފެއްދީ 2020 ވަނަ އަހަރު އެވެ. މި ކުންފުންޏަކީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން މިހާރު އަމިއްލަ އެއް ބޯޓު އޮޕަރޭޓް ކުރަމުން އަންނަ އިރު މިމަހުގެ ތެރޭގައި ދެވަނަ ބޯޓެއް ރާއްޖެއަށް ގެންނަ އިރު، އަލަށް ގަތް ބޯޓު އަންނަ މަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.