އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ތައްޔާރު ވުމަށް ކުރި ކެމްޕެއިންގައި ދެއްކި އެއްވެސް ވާހަކައަކަށް ހިތް ބުރަ ކަމެއް ނެތް ކަމަށާއި، އޭނާ އާ އެކު މަސައްކަތް ކުރުމަށް އެއްވެސް އުނދަގުލެއް ނޯންނާނެ ކަމަށް، އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، ފައްޔާޒް ޗެއާޕާސަން ކަމަށް އިންތިހާބުވެ ވަޑައިގަތީ އޭނާ އާ ގާތުން ވާދަ ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ މައްޗަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިގެންނެވެ.
ފައްޔާޒަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މައްޗަންގޯޅި ޖަގަހައިގައި ބޭއްވި ހަފްލާގައި ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ، އިންތިހާބަށް ފަހު ގުޅިގެން އަލުން މަސައްކަތް ކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އޭނާ އާ އެކު މަސައްކަތް ކުރުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، ފައްޔާޒްގެ ބޭނުމަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ކަނޑުވާލުން ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވަނީ، ނަޝީދާ އެކު އޭނާ އަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ފައްޔާޒް ވިދާޅުވީ، ނަޝީދާ މެދު ޒާތީ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.
"ރައީސް ނަޝީދަކީ އަޅުގަނޑަށް ވަރަށް ފަސޭހަކަމާ އެކު މަސައްކަތް ކުރެއްވޭ ބޭފުޅެއް. އަޅުގަނޑަކީ ސިޔާސީ މީހެއް. އަޅުގަނޑުގެ ޕާސަނަލް ކަމެއް ނޯންނާނެ. އަޅުގަނޑު ދެކެނީ ރައީސް ނަޝީދަކީ ވެސް އެފަދަ ބޭފުޅެއް ކަމަށް."
އަދި މި ނަތީޖާއިން ހާމަވަނީ އެމްޑީޕީގެ މެންބަރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަދި ސަރުކާރަށް ތާއީދުކުރާ މިންވަރު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އިންތިހާބުގެ ނަތީޖާ އާ ގުޅިގެން، އިމްތިޔާޒްގެ ބަހެއް ހޯދާލަން ގުޅާލުމުން ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ.