ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަވާހަރަވުމާ ގުޅިގެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ އޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން އަންނަ ހޯމަދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވެފައިވަނީ އުމުރުން 73 އަހަރުގައެވެ. ހަލީފާ ބިން ޒައިދު އަވަހާރަވެފައި މިވަނީ ސިއްހީ ހާލުކޮޅު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުއެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަލީފާ ބިން ޒައިދް އަވަހާރަވި ހަބަރު އެއްސެއްވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އޭނާ އަކީ ވިޝަނަރީ ލީޑަރެއް ކަމަށާއި އެއީ ރާއްޖޭއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަލީފާ ބިން ޒައިދު އަކީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން ވެރިކަމުގެ ގިނަ ބާރުތަކެއް ވަނީ ވަލީ އަހުދު މުހައްމަދު ބިން ޒަޔިދް އަލް ނަހްޔާންއާ ހަވާލުކުރައްވާފައެވެ.