ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޝެއިހް އަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ހަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ޔޫއޭއީއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުން އިސްކަންދޭ ދާއިރާތައް ހޯދައި އެ ކަންކަން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމުގެ ޔަގީންކަމުގެ އިތުރުން ދިވެހިރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެބޭފުޅުންވެސް ވަނީ އަރުވާފައެވެ.

އަދި ހަމައެހެންމެ ދިވެހިރާއްޖޭގެ ފިސްކަލް ރިފޯމް އެޖެންޑާއާއި ތަރައްގީގެ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން މިނިސްޓަރު ޑރ. ހަލީލް މައުލޫމާތު ހިއްސާކުރެއްވިއެވެ. ޔޫއޭއީގެ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ އަގުހުރި އެހީތެރިކަމަށް، ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާކުރުމުގެ މަޝްރޫއަށް ދެއްވާ އެހީތެރިކަމަށް މިނިސްޓަރު ވަނީ ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުالله ހަލީލް، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޝެއިހް އަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލު ކުރެއްވުމުގެ ތެރެއިން

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ހަލީލްގެ އަރިހުގައި، ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަސައިން ޝަރީފާއި އެމްބެސެޑަރު އަބްދުالله ހަމީދާއި ޔޫއޭއީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ހައްސާން ވަހީދާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާއާއި ޔޫއޭއީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރު މޫމިނާ އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.