އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރަން ބަލިމީހުން ޔޫއޭއީ އާއި ތައިލެންޑަށް ދާން ހުޅުވާލައިފިއެވެ.
އާސަންދައިގެ ހިދުމަތް ދިނުމަށް އަބޫދާބީގެ ހޮސްޕިޓަލަކާއި، ބެންކޮކް ދެ ހޮސްޕިޓަލަކާއެކު ސޮއިކޮށްފައި ވަނީ ހުސްވި ޑިސެމްބަރު މަހުއެވެ. އެ ހޮސްޕިޓަލުތަކަކީ އަބޫދާބީގެ ބުރްޖީލް މެޑިކަލް ސިޓީއާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލްގެ އިތުރުން ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލެވެ.
މިއަދު އާސަންދައިން ބުނީ، ޔޫއޭއީގެ އާސަންދަ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ފޮނުވާއިރު ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނާ"އެއް (އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލް ކުރަމުންދާ ފަރާތްތަކަށެވެ.
އަދި ހަމައެހެންމެ ފަރުވާއަށް ތައިލެންޑަށް ފޮނުވުމުގައި މި ވަގުތު އިސްކަންދޭނީ އެއް ބައްޔަކަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާކުރަން ޖެހި، ބަލި ފަސޭހަ ނުވެފައި ތިބޭ މީހުންނަށް ކަމަށް ވެސް އާސައިންދައިން ވަނީ މައުލޫމާތު ދީފައެވެ.
މި ދެ ގައުމުގައި އާސަންދަ ދިނުމުގައިވެސް މިހާރުވެސް އާސަންދައިގެ އުސޫލުގެ ދަށުން ފޯރުކޮށްދޭ ބޭހުގެ ހަރަދާއި، ޓިކެޓު އަދި ހުރުމާއި ކެއިންބުއިމުގެ ހަރަދުތައް ލިބޭނެއެވެ.
އަދި ހަމައެހެންމެ ބޭސްފަރުވާއަށް ޔޫއޭއީ އާއި ތައިލެންޑަށް ވެސް ފޮނުވާނީ މިހާރު ވެސް އެ ސްކީމްގެ ދަށުން އިންޑިއާ އާއި ސްރީ ލަންކާއަށް ދިވެހިން ފަރުވާއަށް ފޮނުވަމުން އަންނަ އުސޫލުން، ރިފަރަލް ނިޒާމުގެ ތެރެއިން ކަމަށް އާސަންދައިން ބުނެއެވެ. އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްއެދި ހުށަހަޅާނީ މިހާރުވެސް ހިދުމަތަށް އެދޭ ގޮތަށް އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުންނެވެ.