ސްރީލަންކާގެ ކުރީގެ ރައިސް އަދި ދާދި ފަހުން ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަވެސް ހިމެނިވަޑައިގަންނަވާހެން، ސްރީލަންކާ ޕީޕަލްސް ފްރަންޓް (އެސްއެލްޕީޕީ)ގެ ސިޔާސީ މެންބަރުންނާއި އިހުލާސްތެރިންތަކަކަށް ގައުމު ދޫކުރައްވާ ފުރާވަޑައި ނުގެންނެވޭ ގޮތަށް ކޯޓު އަމުރެއް ނެރެފިއެވެ.

އެސްއެލްޕީޕީގެ ސިޔާސީ މެންބަރުންނާއި އިހުލާސްތެރިން އަދި މަހިންދަ ރާޖަޕަކްސަ ހިމެނިވަޑައިގަންނަވާ ހެން 13 މީހަކަށް ގައުމުން ފުރައިގެން ނުދެވޭ ގޮތަށް އަމުރު ނެރެއްވީ ފޯޓް މެޖިސްޓްރޭޓުންނެވެ. ގައުމުން ބޭރަށް ދަތުރު ނުކުރެއްވޭ ގޮތަށް ނެރުނު އަމުރު އެ ބައެއްގެ މައްޗަށް ތަންފީޒުވާ ފަރާތްތަކުގެ ތެރޭގައި ނަމާލް ރާޖަޕަކްސަ، ޖޯންސްޓަން ފެނާންޑޯ، ޕަވިތުރާ ވަންނިއަރައްޗީ، ސީބީ ރަތުނަޔަކަ އަދި ސަނަތު ނިޝާންތާއާއި ސަންޖީވާ އިދިރިމަންނާ ފަހާގަ ކުރެވެއެވެ.

މީގެ އިތުރުން ވެސްޓާން ޕްރޮވިންސްގެ ސީނިއާ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސް، ދޭޝަބަންދޫ ޓެންނަކޫންއާ ދެކޮޅަށްވެސް، ދަތުރު ކުރުން މަނާ އަމުރު ނެރެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

އެސްއެލްޕީޕީގެ މެންބަރުންނަށް އަމާޒުކޮށްގެން މިފަދަ އަމުރެއް ނެރެފައި ވަނީ، ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ޓެމްޕަލް ޓްރީސްއާއި ގޯލް ފޭސް ގްރީންގައި ދިން ހަމަލާތަކާ ގުޅިގެން ކަމަށް ލަންކާ މީޑިއާއިން ހަބަރު ދެއެވެ.

ސްރީލަންކާގައި މި ފަހަކަށް އައިސް ހޫނުވަމުންދާ ހަމަނުޖެހުންތަކުގައި 9 މީހެއްގެ ފުރާނަ ގެއްލި، 200 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ. ގައުމުގައި ކުއްލި ނުރައްކާ އިއުލާން ކޮށްފައި ވާ އިރު، އާންމު ނުރައްކަލެއް ކަމަށް ފެނިއްޖެ ކޮންމެ މީހަކަށް އަމާޒުކޮށް ބަޑިޖެހުމުގެ އިޒުނަވެސް މިހާރު ވަނީ އެ ގައުމުގެ ދިފާއީ ވުޒާރާއިން ދީފައެވެ.