މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

އެގޮތުން މި ލިޔުމުގައި ކިޔުންތެރިންނަށް މި ގެނެސްދެނީ އަބަދުމެ އަހަރުމެން ގޮސް އުޅޭ އެއް ގައުމު ކަމަށްވާ އަވަށްޓެރި ލަންކާ / ސިލޯނުގައި ގައި ޗުއްޓީ ހޭދަ ކޮށްލުމަށް ޖައްސާލަން ރަނގަޅު މަންޒިލް ތަކުގެ ވާހަކައެވެ. 21.9 މިލިއަން މީހުން ދިރިއުޅޭ އެ ގައުމަކީ ގިނަ އަދަދެއްގެ ދިވެހީން އެކި ބޭނުންތަކަށް ދިރިއުޅެމުންދާ އެއް ގައުމެވެ. ރާއްޖެއާއި 983 ކިލޯމީޓަރު ދުރުގައި އޮތް ލަންކާގެ ގައުމީ ޖަނަވާރަކީ އެތެވެ. ފައިސާގެ ގޮތުގައި އެ މީހުން ބޭނުން ކުރަމުންދަނީ 'ލަންކާ ރުޕީސް' އެވެ.

ލަންކާގެ ގައުމީ ޖަނަވާރަކީ އެތް

ވައިގެ މަގުން ރާއްޖެއިން ލަންކާއަށް ދާން އާންމު ގޮތެއްގައި ހޭދަވަނީ 45 މިނެޓު ނޫންނަމަ ގަޑިއިރަކާ ބައެވެ. މި ތަފާތު އަންނަނީ ދަތުރު ކުރާ ބޯޓަކަށް ރިއާޔަތް ކޮށެވެ. ޓިކެޓުގެ އަގު 250 ޑޮލަރާއި 300 ޑޮލަރު އަދި 500 ޑޮލަރަށްވެސް އުޅެއެވެ. އެކި އެއާލައިންތަކުގެ އަގު ތަފާތު ވާއިރު ހެޔޮ އަގުގައި ދަތުރު ކުރަން ބޭނުންނަމަ ސްރީލަންކަން އެއާލައިންސް ނޫންނަމަ އިންޑިގޯ ފަދަ ބަޖެޓް އެއާލައިނެއް ހިޔާރު ކުރެވިދާނެއެވެ. ލަންކާ އަކީ ރާއްޖެ ފަދަ ހޫނު ގަދަ ގައުމެއް ނަމަވެސް ބައެއް އަވަށްތައް ވަރަށް ފިނިއެވެ.

ފަރުބަދަ ތަކުގެ މަތީގައިވާ ކޭންޑީ

ކޭންޑީ އަކީ ސްރީ ލަންކާގެ މެދު ޕްރޮވިންސްގައި އޮންނަ ބޮޑު އަވަށެކެވެ. މި އަވަށް އޮންނަނީ ފަރުބަދަތަކުގެ މެދުގައި ކަމަށްވާއިރު މިއީ ދަނޑުވެރިކަމަށް ވެސް މަޝްހޫރު އަވަށެކެވެ. މުޅި ދުނިޔެއިން ވެސް ސިލޯނަކީ ސައިފަތަށް މަޝްހޫރު ގައުމެކެވެ.

މީގެ އިތުރުންވެސް ކޭންޑީއަކީ ތާރީހީ އެކި ބިނާތަކާއި ހިތްގައިމުން ފުރިގެންވާ އެތައް ތަނެއް އެކުލެވޭ ފުރިހަމަ ސިޓީއެކެވެ. މި ސިޓީއަށް ދެވޭނީ ކާރެއްގައި ނުވަތަ ބަހެއްގައި ދުއްވާފައެވެ. ކޮލޮމްބޯއިން ދިގު ދަތުރެއް ކުރުމަށްފަހު ދެވޭ މި މަންޒިލުން ހިތަށް ފިނިކަން ލިބިގެންދާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ.

ލަންކާގެ އަވަށެއް ކަމަށްވާ ކޭންޑީ

ގުދުރަތީ ރީތިކަަމުން ޖަރީވެފައިވާ އެއްލާ

ކޮލޮމްބޯ އާއި 200 ކިލޯމީޓަރު ދުރުގައި އޮންނަ އެލާ އަކީވެސް ގުދުރަތުގެ އެތައް އަޖައިބުތަކެއް ފެނިގެންދާ މަންޒިލެކެވެ. އެ ސަރަހައްދަކީ ބައޯ ޑައިވަސިޓީން ޖަރީވެފައިވާ ސަރަހައްދެއްގެ އިތުރުން ތަފާތު އެކި ވައްތަރުގެ ޖަނަވާރުތައް ފެނިގެންދާ ސަރަހައްދެއްވެސް މެއެވެ. އެލާގެ ވަށައިގެން ވިލާގަނޑުތަކާއި ސައިފަތް ގަސްތަކުން ނިވާވެފައިވާ ފަރުބަދަތައް ވެއެވެ. މި ސަރަހައްދަކީ ފިނި ސަރަހައްދެކެވެ. ކޭންޑީން އެލާ އަށް ޓްރެއިން މެދުވެރިކޮށް ދަތުރު ކުރެވޭނެއެވެ.

އަދި ހަމަ އެހެންމެ އެލާގެ ލިޓްލް އެޑަމްސް ޕީކް އެންޓްރަންސް އާ ވަރަށް ކައިރީގައި ހުންނަ މަޝްހޫރު ރާވަނާ ޕޫލް ކްލަބުގެ ތެރޭގައި ޗާލު އުނދޯއްޔެއް އެލުވާފައި ހުރެއެވެ. ހެނދުނު 9:30 އިން ހަވީރު 5:00 އާ ހަމައަށް އެ އުނދޯއްޔަށް އަރާ ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވެގެންދާނެއެވެ.

އެލާ، މިއީ ގުދުރަތީ ހިތްގައިމު ތަނެއް

ގޮނޑު ދޮށާއި ލައިޓް ހައުސްގެ ހިތްގައިމު ރީތި މަންޒަރު ފެންނަ ގަލޭ

ގަލޭ އަކީ ސްރީލަންކާގެ ހުޅަނގު ދެކުނު އައްސޭރިފަށުގައި އޮންނަ ސިޓީއެކެވެ. މިއީ 16 ވަނަ ގަރުނުގައި ޕޯޗުގީޒުން ބިނާކޮށްފައިވާ ސިޓީއެކެވެ. މި ސިޓީގައި ޕޯޗުގީޒުންނާއި ނެދަލޭންޑްސް އަދި އިނގިރޭސިންގެ ވެރިކަން ރަމްޒުކޮށްދޭ އާކިޓެކްޗާތަކުން މުޅި މަގުތައް ޒީނަތްތެރިކޮށްފައި ވެއެވެ. ގަލޭގައި ފާހަގަކޮށްލެވޭ އެހެން ތަންތަނުގެ ތެރޭގައި އެ ސިޓީގެ ގުދުރަތީ ބަނދަރާއި ނޭޝަނަލް މެރިޓައިމް މިއުޒިއަމް ހިމެނެއެވެ.

މީގެ އިތުރުންވެސް އެ ސިޓީގެ އައްސޭރިފަށުގައި ބިނާކޮށްފައިވާ ބިޔަ ލައިޓް ހައުސްއަކީ ވެސް ފަތުރުވެރިންގެ މެދުގައި ވަރަށް މަގްބޫލު އިމާރާތެކެވެ. ގޮނޑު ދޮށާއި ކައިރީގައިވާ މި ސިޓީއަށް ދަތުރު ރާވަންވާނެއެވެ.

ލަންކާގެ އަވަށެއް ކަމަށްވާ ގަލޭ

ތަފާތު ފާމް ތަކާއި ޕާކުތައް ތަޖުރިބާ ކޮށްލުމަށް ނޫރައްލިޔާ

ލަންކާގައި ހިމެނޭ އެންމެ ފިނި ސަރަހައްދު ކަމަށްވާ ނޫރައްލިޔާއަކީ ފެހި ކަމާއި ގުދުރަތީ ރީތި ކަމަށް މަޝްހޫރު ސިޓީއެކެވެ. 13 ކިލޯމީޓަރުގެ މި ބޮޑު ސިޓީގައި ތަފާތު އެކި ކަންކަން ތަޖުރިބާ ކޮށްލެވޭނެއެވެ. އެގޮތުން ސްޓްރޯބެރީ ދަނޑުތައް ބަލާލުމާއި ގެރި ފާމްތަކަށްޒިޔާރަތް ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ ފެން އާރާއި ތަފާތު އެކި ހިތްގައިމު ޕާކުތައް އެކުލެވޭ މި ސިޓީ ރަނގަޅަށް ބަލާ ލުމަށް 3 ވަރަކަށް ދުވަސް ހޭދަވާނެއެވެ.

މީގެ އިތުރުންވެސް ތާޒާ ސައިފަތް ތައްޔާރު ކުރާނެ ގޮތް ހަމަލޮލުން ބަލާލުމަށް ޓީ ފެކްޓަރީއަށް ޒިޔާރަތް ކުރެވޭއިރު އެތަނުން ތަފާތު އެކި ފްލެވާތަކުގެ ސައި ރަހަ ބަލައިލުމުގެ ފުރިހަމަ އިންތިޒާމްތައް އެކުލާވާލާފައި ވެއެވެ.

އެކި ފާމްތަކާއި ސައިފަތް ދަނޑުތަކުން ޖަރީވެފައިވާ ނޫރައްލިޔާ

ޝޮޕިންގް ކޮށްލުމަށް ޕެޓާ މާރުކޭޓް

ލަންކާގެ ވެރިކަން ކުރާ ކޮލަމްބޯގައި ހުންނަ ޕެޓާ މާރުކޭޓަކީ ދިވެހީންގެ ތެރޭގައި ވެސް ވަރަށް މަގްބޫލު މާރުކޭޓެކެވެ. މަގުތައް މަތޫ ދެ ފަރާތުގައި ނަން ހުސްކޮށް ތަފާތު ވައްތަރުގެ ސާމާނު ވިއްކާ މި މާރުކޭޓަކީ ލަންކާގައި ހުންނަ ޝޮޕިންގް މޯލްތަކަށް ވުރެ ހެޔޮ އަގުގައި ވިޔަފާރި ކުރެވޭނ ތަނެކެވެ.

ފައިވާނާއި، ބޫޓާއި، ފޮއްޗާއި، ކުޑަކުދިންގެ ސާމާނާއި، ގޭގައި އަތްލާ ގެންގުޅޭ ތަކެތީގެ އިތުރުން ވެސް އެކި އެކި ބާވަތުގެ ތަކެތި މިތަނުން ލިބެން ހުރެއެވެ. ޖުމްލަ 100 އެއްހާ ކުދި ފިހާރަތަކާއި ބޮޑެތި ފިހާރަތައް އެކުލެވޭ މި މާރުކޭޓުން ހިތް ފުރާ ހެޔޮ އަގުގައި އެއްޗިސް ލިބޭނެއެވެ.

ޕެޓާ މާރުކޭޓު

މި ތަންތަނުގެ އިތުރުންވެސް ލަންކާގައި ތަފާތު ކަންކަން ތަޖުރިބާ ކޮށްލުމަށް އެތައް ތަނެއް ވެއެވެ. އެގޮތުން ލޮޓަސް ޓަވަރާއި އެޑަމްސް ޕީކް އަކީ ވެސް ފާހަގަކޮށްލެވޭ ތަންތަނެވެ. ރާއްޖެއާ ދުރު ނޫން ލަންކާއަށް ޗުއްޓީ ހޭދަކޮށްލަން ތައްޔާރުވާނަމަ މި ތަންތަނަށް ދަތުރު ކޮށްލުމަކީ ޗުއްޓީ އިތުރަށް ފުރިހަމަ ވެގެންދާނެ ކަމެއްކަން ޔަގީނެވެ.