ރައީސް އޮފީހާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެ ކުރިމައްޗަށް "އިންޑިއާ އައުޓް" ކަރުދާސްތަކެއް އަޅައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިނުން ބޭރުކުރުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ރެލީތަކާއި ބެނާތައް ދެމުމާއި ގްރެފިކް ކުރެހުމުގެ ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

"އިންޑިއާ އައުޓް" ބެނާ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ އިތުރުން ޕީޕީއެމް އޮފީހާއި މާލޭގެ ބައެއް ގޭގޭގައިވެސް ވަނީ ދަމާފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން އެ ގެތަކަށް ވަދެ ބެނާތައް ނަގާފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ރިޔާސީ ގަރާރެއް ނެރުއްވާފައެވެ.

އެ ގަރާރަށްފަހުވެސް "އިންޑިއާ އައުޓް" ގެ އަކުރުތައް ބަދަލުކޮށް އިދިކޮޅުން ވަނީ ބެނާ ދަމާފައެވެ. އެ ބެނާތައްވެސް ފުލުހުން ވަނީ ނަގާފައެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ އިސްނެންގެވުމަށް "އިންޑިއާ އައުޓް" ކެމްޕޭނުގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެއާއެކު އަތޮޅު ތެރޭގައިވެސް އެ ހަރަކާތް އަންނަނީ ކުރިއަށްގެންދަމުންނެވެ.