ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް ކަނޑައަޅާ "އިންޑިއާ އައުޓް" ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލު ކުރަން ކޯޓަށް ދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރްސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް ވިދާޅުވީ އެ ގަރާރަކީ ގާނޫނާއި ހިލާފު ގަރާރެއް ކަމަށާއި އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ހަގީގަތުގައި ގައުމީ ސަލާމަތަށް ނުރައްކާ ވަނީ އިންޑިއާގެ ބީޖޭޕީ އާއި ގުޅިގެން ރާއްޖޭގެ ސަރުކާރުން ހިންގާ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅުން އެ ގަރާރަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅި ދިނުމަށް ކޯޓަށް ދާނެ ކަމަށެވެ.

'އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން' ގެ ނަމުގައި މިއަދު ރައީސް ނެރުއްވި ގަރާރުގައި، އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތް ތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި ކަނޑައަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވިއެވެ.