އިދިކޮޅު ޕީޕީއެމްގެ އޮފީސް ހިންގާ ހ. ހުރަފާގެ ބޭރުގައި ދަމާފައިވާ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާ ނަގަން އަންގައިފިއެވެ.

އެ އިމާރާތުގެ ވެރިފަރާތަށް ފޮނުވި ސިޓީއެއްގައި ފުލުހުން ބުނީ، އިންޑިއާ އައުޓް ބެނާ ދަމާފައި ހުރުމަކީ ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުންތަކަަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ މަސްލަހަތު ގެއްލި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހިންނަށް ގެއްލުން ލިބޭނެ އަމަލެއް ކަމަށެވެ.

ހަމަ އެއާއެކު ފުލުހުން ވަނީ، އިންޑިއާ އައުޓް ބެނާ އާންމުކޮށް ފެންނަގޮތަށް ދަމާފައި ހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް، އެ ގައުމުގެ ގަދަރަށް އުނިކަން ލިބޭ ފަދަ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެހެންކަމުން، އެ އިމާރާތުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބެނާ ނަގަން އަންގާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޕީޕީއެމްގެ އޮފީސް ހުންނަ އިމާރާތުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ ނަގަން ފުލުހުން އަންގާފައިވާއިރު، އެ ޕާޓީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހިގޭގައި އިއްޔެ ވަނީ އިންޑިއާ އައުޓް ޖަހާފައިވާ ބެނާއެއް އާންމުކޮށް ފެންނާނެހެން ދަމާފައެވެ. މީގެ އިތުރުން އެހެން ބައެއް ގޭގޭގައިވެސް ބެނާ ދަމާފައި އެބަހުއްޓެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެ ހަރަކާތް ފުޅާކުރުމުގެ ގޮތުން އިދިކޮޅުން އެކި ރަށްރަށަށް ގޮސް އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ.