ލ. ކުނަހަންދޫގެ ހުޅަނގަށް އޮންނަ ފަޅު ރަށެއް ކަމަށްވާ އަތަހެނދައިގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތް ކޮށްފިއެވެ.

އަތަހެނދައިގައި ފަސް ވެލައެއް ފުރޮޅާފައި އޮތްއިރު، އެ ވެލާތައް ސަލާމަތް ކޮށްފައި ވަނީ ސިކްސް ސެންސަސް ލާމު ރިސޯޓުގައި ހިންގާ މެރިން ބައޮލޮޖީ ޓީމެއް ކަމަށްވާ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް (އެމްޔޫއައި)ގެ ދަށުން ހިންގާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އޮލިވާ ރިޑްލީ ޕްރޮޖެކްޓް" އިންނެވެ.

އެ ވެލާތައް ސަލާމަތް ކުރުމުގައި އެމްޔޫއައިގެ ދަށުން ހިންގާ މަންޓާ ޓްރަސްޓް އަދި ބްލޫ މެރިން ފައުންޑޭޝަން ޖަމިއްޔާގެ އިތުރުން ފުލުހުންވެސް ބައިވެރިވެފައި ވެއެވެ.

ލ. އަތޮޅުގެ ފަޅު ރަށަކަށް ފުރޮޅާފއި ހުރި ވެލާތައް ސަލާމަތްކުރުމުގައި ބައިވެރިވި ޓީމް / ފޮޓޯ: އޮލިވާ ރިޑްލީ ޕްރޮޖެކްޓް

އޮލިވާ ރިޑްލީ ޕްރޮޖެކްޓްގެ ބްލޮގްގައިވާ ގޮތުން، ފުރޮޅާފައި ހުރި ވެލާތައް ފެނިފައިވަނީ ސިކްސް ސެންސަސް ލާމު ރިސޯޓުން އަތަހެނދަ އަށް ޕިކްނިކަށް ދިޔަ ފަތުރުވެރިންތަކަކަށެވެ. އެ ވެލާތައް ފެނުނުއިރު، އެ ވެލާތައް އެއްވެސް ވަރަކަށް ހަރަކާތް ނުކުރާ ކަމަށާއި، އެ ވެލާތަކަށް ވަނީ ކުދި އަނިޔާ ލިބިފައި ކަމަށް އެ ބްލޮގްގައި ބުނެފައި ވެއެވެ.

https://www.instagram.com/p/CciUxmupTtp/?utm_source=ig_web_copy_link

އެ ބްލޮގްގައި އިތުރަށް ބުނީ، ފުރޮޅާފައި އޮއްވާ ފެނިފައިވަނީ އެއް އަންހެން ވެލައަކާއި ހަތަރު ފިރިހެން ވެލައެއް ކަމަށެވެ.

ލ. އަތޮޅުގެ ކަނޑުފަޅުތަކުގައި ގިނަ އަދަދަކަށް ވެލައާއި ކަހަނބު ދިރިއުޅެއެވެ. ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރު މަހު ލ. އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައިވާ ގޮތުން، 6 އޭޕްރިލް 2016 އިން ފެށިގެން ހުރިހާ ބާވަތެއްގެ ކަހަނބާއި ވެލާ ވަނީ ހިމާޔަތްކޮށްފައެވެ. އެ ގާނޫނުގެ ދަށުން ކަހަނބާއި ވެލާ ހިފައި ގެންގުޅުމާއި ގޯނާކުރުން މަނާކޮށްފައި ވާއިރު، އެފަދައިން އަމަލުކުރާ ފަރާތްތައް ބޮޑު އަދަދުން ޖޫރިމަނާ ކުރާނެއެވެ.