އަރަބިއްޔާ ސްކޫލަށް ކަނޑައަޅާފައިވާ އާ އިމާރާތާ ގުޅުން ހުރި ބައެއް މައުލޫމާތުތައް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދުނުތާ 3 މަސް ދުވަސް ވީ އިރު ވެސް ޖަވާބެއް ނުލިބޭ ކަމަށް އެ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން ބުނެފިއެވެ.

އެ ސްކޫލްގެ ބެލެނިވެރިން ބުނީ އަރަބިއްޔާގެ އާ އިމާރާތުގެ ޔަގީން ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ފަހުން އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ 3 މަސް ދުވަސް ވަންދެން ކުރި މަސައްކަތްތަކަށް އެއްވެސް ޖަވާބެއް އެޑިއުކޭޝަނުން ނުދޭ ކަމަށެވެ. ނުތަނަވަސްކަމުގެ ތެެރޭގައި ހާސްކަން ބޮޑުވަމުން ދާތީ ކެތްތެރިކަން ކޮޅުންލަމުން ދާ ކަމަށް އެ ބެލެނިވެރިން ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި އެދިފައި ވަނީ، މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން އަރަބިއްޔާގެ އާ އިމާރާތް އަޅާ ނިންމާނެ ކަމަށް ރައީސް ވިދާޅުވެފައި ވާތީ، އެ މަސައްކަތުގެ ތަފްސީލް ލިބޭނެގޮތް ހަދައި ދިނުމަށެވެ.

ބެލެނިވެރިން ހޯދަން އެދިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ:

  • ބާ ޖަމާލުއްދީން ގޯތީގެ ބޮޑުމިން (އަކަފޫޓު)
  • އަރަބިއްޔާގެ އާ އިމާރާތުގެ ބޮޑުމިން (އަކަފޫޓު)
  • ބާ ޖަމާލުއްދީން ހުރި ބިމުގައި އަޅާ އަރަބިއްޔާ އާ އިމާރާތުގެ އުސްމިން (ފަންގިފިލާ)
  • ބާ ޖަމާލުއްދީން އިމާރާތް ތަޅާލާ އެ ތަން ސާފުކުރަން ފަށާ ތާރީހު
  • އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތްތައް ފެށޭ އަދި ނިމޭ ތާރީހު

1000 އެއްހާ ދަރިވަރުން ކިޔަވަމުންދާ އަރަބިއްޔާ ސްކޫލްގެ އިމާރަތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކުދިން ބަދަލު ކުރަން އެޑިއުކޭޝަން އިން ފުރަތަމަ ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ. ނަމަވެސް އެ މައްސަލާގައި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުން ބަދަލުކޮށް ދިނުމަށް އެދިފައެވެ. އަދި އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފައި ވެއެވެ.

އެ މައްސަލާގައި އަރަބިއްޔާގެ ޕީޓީއޭއިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ދެއްވައި، އެ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވާފައެވެ. ނަމަވެސް އެތަނަކީ އިލެކްޝަން ކޮމިޝަންގެ އިންތިހާބާ ބެހޭ ބައި ހިންގާ ތަނެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މި ސެމިސްޓާއިން ފެށިގެން، ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.

ބާ ޖަމާލުއްދީން ހުރި އިމާރާތުގައި މިހާރު އީސީގެ އިންތިހާބާ ބެހޭ މަރުކަޒު ހުސްކުރުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ. އަދި އެ ތަން ހުސްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އިސީން ވަނީ ބުނެފައެވެ. މަސައްކަތް ލަސްވަމުންދާ ސަބަބެއް ކަމަށް އީސީން ބުނަނީ އެ މަރުކަޒުގައި ތިބި މުވައްޒަފުންނަށް މަސައްކަތް ކުރާނެ ތަނެއް ނެތުމުން އެހެން ތަނެއް ހޯދަން މަސައްކަތް ކުރަމުންދާތީ ކަމަށެވެ. ބާ ޖަމާލުއްދީން ހުރި އިމާރާތުގެ ބައެއް ތަކެތި ނީލަން ކިޔުމަށް ވެސް ވަނީ އީސީން އިއުލާން ކޮށްފައެވެ.