ސަރުކާރުގެ ވިސްނުމަކީ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ޕާކިންއަކާއެކު ޕާކެއް ތަރައްގީކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ މާލޭ މައްޗަންގޮޅި އަވަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަރަބިއްޔާ ސްކޫލް ހުރި ބިމުގެ ބޭނުން މައްޗަންގޮޅީގެ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަކަށް ބޭނުންކުރެވޭނެ ގޮތަކާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހިއްސާކުރެއްވުމުގެ ފުރުސަތު ދެއްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަރަބިއްޔާ ސްކޫލް އިމާރާތް ބާވެ ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުން އެތަން ހުސްކޮށް އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 11000 އަކަފޫޓުގެ އެބިން ތަރައްގީކުރުމުގައި ސަރުކާރުން މިހާރު ވިސްނަވަމުންދަނީ އެތަނުގައި ޕާކިންއަކާއެކު ކުޑަކުދިން ކުޅެލާނެ ޕާކެއް ތަރައްގީ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މައްޗަންގޮޅި އަދި މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ސަމާލުކަންދެއްވާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީވެސް މުހިއްމު މަސައްކަތެއްކަމުގައެވެ.

މާޅޭގެ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ޝަކުވާތައް ހިއްސާ ކުރުމަށް ހުޅުވާލި ފުރުސަތުގައި މި ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ ޝަކުވާތައް ހިއްސާކޮށްފައެވެ.