ސަރުކާރުގެ ހަރަދުގައި ބިނާކުރާ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މި އިމާރާތުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި، އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއުގެ އިތުރުން އާރްސީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ރަޝީދެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން 12 ނޮވެމްބަރު 2024 ގައި އާރްސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޖުމްލަ 8 ފަންގިފިލާއަށް ބިނާކުރާ މި ސްކޫލުގައި ކްލާސްރޫމްތަކުގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ އެންމެހައި ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.

މި ޒިޔާރަތުގެ ތެރެއިން އަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންނާއި، މަތީ ތައުލީމަށް އެދި ތިބި ދަރިވަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އެކުދިންގެ ޝުއޫރުތައް ހިއްސާކޮށްފައެވެ. ދަރިވަރުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މަތީ ތައުލީމަށް ދެއްވާ ހާއްސަ އިސްކަން ފާހަގަކުރައްވައި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންނާއި، މަތީ ތައުލީމަށް އެދި ތިބި ދަރިވަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުން

މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އަރަބިއްޔާ ސްކޫލް އެތަނަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނުގެ އަމާޒަކީ އެ ސްކޫލަކީ ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދޭ މަރުކަޒަކަށް ހެއްދެވުމެވެ.

މި މަޝްރޫއުގެ ތާވަލުގައިވާ ގޮތުން، 31 ޑިސެމްބަރ 2026 ގެ ނިޔަލަށް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ. އަދި 2027 ވަނަ އަހަރުގެ އާ ދިރާސީ އަހަރާއެކު މި އާ އިމާރާތުގައި ކިޔަވައިދޭން ފެށޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ހާއްސަ އަހަންމިއްޔަތެއް ދެއްވައިގެން، ކުރު މުއްދަތެއްގެ ތެރޭގައި ފެންވަރު ރަނގަޅުކޮށް ނިންމުމަށް އިސްކަންދެއްވާ މަސައްކަތެކެވެ.