ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާއިން އެ ގައުމުގައި ތަރައްގީ ކުރި އަމިއްލަ ވެކްސިނެއް ކަމަށްވާ "ކޮވެކްސިން"، އދގެ ޕްރޮކިއުމަންޓް އިދާރާތައް މެދުވެރިކޮށް ސަޕްލައި ކުރުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މެދުކަނޑާލައިފިއެވެ.
ޑަބްލިއުއެޗްއޯއިންވަނީ ކޮވެކްސިންގެ ޑޯޒްތައް ލިބިފައި ވާ ގައުމުތަކުންވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
މިއީ ޑަބްލިއުއެޗްއޯއިން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ. އެއިދާރާއިން ވަނީ ކޮވެކްސިން ސަޕްލައި ކުރުން ސަސްޕެންޑް ކޮށްފައި ވާ ކަން ކަށަވަރު ކޮށްދީފައެވެ.
ކޮވެކްސިންއަކީ ބާރަތު ބައޮޓެކްގެ އުފެއްދުމެކެވެ.
ޑަބްލިއުއެޗްއޯއިން އާންމު ކޮށްފައި ވާ ބަޔާނަކާ ހަވާލާދީ، އިންޑިއާ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ކޮވެކްސިން ސަޕްލައި ކުރުން ހުއްޓާލާފައި ވަނީ، ކުއްލި ހާލަތުގައި ވެކްސިން ބޭނުން ކުރުމަށް ދޫކުރި ހުއްދައިގެ ދަށުން އެ ވެކްސިން ބޭނުން ކުރުމުން ނިކުތް ނަތީޖާގެ އިންސްޕެކްޝަނަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ. އިންސްޕެކްޝަން ކުރިއަށް ގެންދިޔައީ މާޗް 14، 2022 އިން މާޗް 22، 2022ގެ ނިޔަލަށެވެ.
އިންސްޕެކްޝަންގެ ހޯދުންތައް ދެއްކި ގޮތުގައި އެންމެ ރަނގަޅު ފެންވަރެއްގައި ތަކެތި އުފެއްދުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަ ކުރުމަށްޓަކާ ވެކްސިން އުފެއްދުމުގެ މަރުހަލާއާއި ވެކްސިން އުފައްދާ ފެސިލިޓީ އަޕްގްރޭޑް ކުރަންޖެހެއެވެ.
ކޮވެކްސިން އެކްސްޕޯޓް ކުރުމަށް އުފައްދަމުން ދިޔަ ދިއުން މެދުކަނޑާލުމުގެ ސަބަބުން ވެކްސިންގެ ސަޕްލައިއަށް ބުރޫ އަރާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.
ކޮވެކްސިންއާ ގުޅިގެން ހެދި ރިސްކް އެސެސްމަންޓަށް ބަލާއިރު، ފައިދާއާއި ނުރައްކަލުގެ މިންގަނޑަށް ބަދަލު އައިސްފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ވެކްސިންގެ ކާމިޔާބު ކަމާއި ރައްކާތެރި ކަމަށްވެސް ހީނަރުކަމެއް އައިސްފައި ނުވާ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.
ބްލޫމްބާގުން އެކުލަވާލާފައި ވާ ބައިނަލްއަގުވާމީ ވެކްސިން ތަފާސް ހިސާބަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 11.3 ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ވަނީ ޖަހާފައެވެ. އެންމެ ގިނަ ޑޯޒް ބޭނުންކޮށްފައި ވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ، ވިލާތުގެ އިއްތިހާދުގެ މެންބަރުން އަދި އެމެރިކާ ހިމެނެއެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ފުރިހަމަ ކޮށްފައި ވަނީ ޖިބްރާލްޓާ، އެކުވެރި އަރަބި އިމާރާތް އަދި ދިވެހިރާއްޖެއިންނެވެ.