ސައުދީ ރަސްގެފާނުގެ އެހީގައި މާލޭގައި ބިނާ ކުރި ސަލްމާން މިސްކިތް މިއަދު ހުޅުވައިފިއެވެ. މިއަދު ހުކުރު ނަމާދަށް މިސްކިތް ހުޅުވާލި އިރު، ހުކުރުގެ ބޮޑު ޖަމާއަތާ އެކު މިސްކިތް އޮތީ ފުރި ބާރުވެފައެވެ.

މިސްކިތުގެ ފުރަތަމަ ފަންގެފިލާއާއި 2 ވަނަ ފަންގެފިލާ ގައި ނަމާދު ކުރެވޭ ގޮތަށް ހުރި އިރު، މިސްކިތުގެ އެތެރެއާއި ބޭރުގެ ބަޔަކާއެކު އޮތީ ފުރިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދުގެ ހުކުރު ނަމާދުން ފެށިގެން މަސްޖިދު ސަލްމާންގައި އާންމުކޮށް ނަމާދު ކުރާނެކަމަށެވެ. އަދި މިފެށޭ ރޯދަމަހު ތަރާވީހު ކުރުންވެސް އޮންނާނެއެވެ.

ސަލްމާން މިސްކިތް - މި މިސްކިތް މިއަދު ވަނީ ހުޅުވާފައި / ފޮޓޯ: އަހުމަދު އިޔާދު \ ދަ ޕްރެސް

މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ސަލްމާން މިސްކިތް ރޯދައާ ދިމާކޮށް ހުޅުވާފައިވާ އިރު، ސަލްމާން މިސްކިތުގެ ދެވަނަ ބުރި ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

އެ މިސްކިތުގެ ގޯތި ތެރެއާ އެއްކޮށް 9000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ފިރިހެނުންނަށް ހާއްސަކޮށްފަިއވާ ބައިގައި 2265 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށާއި، އަންހެނުންނަށް ހާއްސަކޮށްފައިވާ ބައިގައި 1755 މީހުންގެ ޖާގަ އޮންނާނެ ކަމަށް ބުނެއެވެ. މީގެ އިތުރުން ގޯތި ތެރޭގައި 5000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މިސްކިތުގެ އެތެރެއިން ފެންނަ ފެނުމަށް މިސްކިތް ހަދާފައިވާ ބައްޓަމާ ހުރެ ޖާގަ ކުޑައެވެ.

ސަލްމާން މިސްކިތަށް މިއަދު ހުކުރަށް ދިޔަ ބައެއް މީހުން - މި މިސްކިތް މިއަދު ވަނީ ހުޅުވާފައި / ފޮޓޯ: ދަ ޕްރެސް

ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ސަލްމާން މިސްކިތަކީ ޖުމްލަ 4 ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.