ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމަށްޓަކައި ކުންފުންޏަކަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާ ކުރެއްވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ދިފާއުގައި ހެކި ހުށަހަޅަން ދިން މުއްދަތަށްފަހު މާދަމާ އަޑުއެހުން ތާވަލްކޮށްފިއެވެ.
އާރަށުގައި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފާ ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގާ މާދަމާ އަޑުއެހުން ތާވަލްކޮށްފައިވަނީ ހެނދުނު 9:30އަށެވެ.
ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެކި ހާމަކުރިއެވެ. އެއީ ކޮން ހެކިތަކެއް ކަން އަޑުއެހުމުގައި ކިޔައި ދިނުމުގެ ބަދަލުގައި ދައުލަތުން ބުނީ ދައުވާއާ އެކު ހުށަހެޅި ލިޔުންތަކުގައި ހިމަނާފައިވާ ހެކިތަކަކީ އެ މައްސަލާގައި ހުށަހަޅަން ބޭނުންވާ ހެކިތައް ކަމަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް ލައިވް ކުރަން ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އެދިފައިވާ އެދުން އެމަނިކުފާނުގެ ވަކީލުން ވަނީ ތަކުރާރު ކުރައްވާފައެވެ. އިސްގާޒީ ޝަކީލް ވިދާޅުވީ އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާ ފެށޭއިރު ލައިވް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިހާތަނަށް ޝަރީއަތް ލައިވް ނުކުރެވި އޮތީ ކޯޓުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ނެތިގެން ކަމަށް ގާޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ފުއްގިރީގެ މައްސަލައިގާވެސް ރައީސް ޔާމީނުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގާ އުފުލައިފާ ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ.
ފުއްގިރި އާއި އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ހުކުމް އިއްވުން ޖޫން މަހުގެ 30 އަށް ވަނީ އަވަސް ކޮށްފައެވެ.
އެ މައްސަލާގައި ރައީސް ޔާމީނަށް ހުކުމް އިއްވަން ކުރިން ތާވަލްކޮށްފައި އޮތީ ނޮވެމްބަރު 25 ވަނަ ދުވަހަށެވެ. އެހެންނަމަވެސް ޖޫން މަހުގެ 30 ވަނަ ދުވަހަށް ހުކުމް އިއްވުން އަވަސް ކޮށްފައި ވާކަން އެމަނިކުފާނުގެ ގާނޫނީ ވަކީލު އާދަމް އާސިފް "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.