ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް އަދަދު ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި، އީޝާ އަޝްރަފުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
އަދަދު ނޫހުން އެ ޑޮކިއުމެންޓްރީ ގެނެސްދިނީ އޭޕްރީލް މަހުގެ 28ގައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީހަށް ވަދެ ބަލާ ފާސްކޮށް އެތަނުގައި ހުރި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ގެންގޮސްފައެވެ.
އަދި ތިން މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދާއި އަދި އެ ނޫހުގެ ސީއީއޯ ފިޔާޒް މޫސާގެ އިތުރުން އީޝާ އަޝްރަފްއެވެ.
މި ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން 'ގެގް' އަމުރެއް ނެރެފައިވާއިރު، އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް މިދިޔަ މޭ މަހު ވަނީ ގަޒުފުގެ ދައުވާ އުފުލައިފައެވެ.
އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.
އަދި ހަމަ އެހެންމެ ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށް މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށްވެސް ވަނީ އަންގާފައެވެ.
