ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު، އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ކުރީގެ ލީޑަރު، އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ވެސް ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.

މި މައްސަލާގައި އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ އަޑުއެހުން ކެންސަލް ކޮށްފައެވެ. މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ކީއްވެކަން އަދި ސަބަބެއް ސާފެއް ނުވެއެވެ. މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު މިމަަހު 20 ވަނަ ދުވަހު ބޭއްވި އަޑުއެހުން ވެސް ވަނީ ދައުލަތުން އަޑުއެހުން ކެންސަލް ކޮށްދޭން އެދިގެން ކެންސަލްކޮށްފައެވެ.

މި މައްސަލައިގައި ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނިހާނުގެ ފަރާތުން ޝަފައީ ހެކި ހުށަހެޅިއެވެ.

އޭނާ ހެކިންގެ ގޮތުގައި ހުށަހެޅި މީހުންގެ ތެރޭގައި، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ނަން ވަނީ ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި ކުރީގެ މެންބަރު ރިޔާޒް ރަޝީދާއި އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ނަން ވެސް ނިހާންގެ ފަރާތުން ވަނީ ހުށަހަޅުއްވާފައެވެ. މީގެ އިތުރުން މަހިބަނދޫ މެންބަރު އަހުމަދު ތޯރިގު އާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު އާއި ޕީޖީ ޝަމީމް އާއި އަދިވެސް ކުރީގެ ބައެއް މަޖިލިސް މެންބަރުންގެ ނަންތައް މިއަދު ވަނީ ކޯޓަށް ހުށަހަޅުއްވާފައެވެ.

އަހުމަދު މަހުލޫފް އާއި ޕީޖީ ޝަމީމްގެ ނަން ހުށަހަޅުއްވާފައި ވަނީ އަދީބުގެ ފޯނާއި ލެޕްޓޮޕުން ހޯދާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުވާތީ އެ މައުލޫމާތުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާކަން ސާބިތުކުރުމުގެ ގޮތުންނެވެ.

ނިހާނުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައިގައި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެއް ހިމެނޭހެން ޖުމުލަ ހަ ދައުވާއެއް ކުރެއެވެ. އޭގެ ތެރޭގައި އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދަވާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު އެބައޮތެވެ.

ޕްރޮސެކިއުތާ ޖެނެރަލް ތުހުމަތު ކުރާ ގޮތުގައި، ނިޙާން ވަނީ އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށް ފަހު ޕްލެޓިނަމް ރެޒިޑެންސުން އެޕާޓްމެންޓެއްވެސް ބައްލަވައިގެންފައެވެ. މި މައްސަލައިގައި ނިހާންގެ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

އެ ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމުގައިވާ މަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ.

ނިހާންގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ 36 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.