ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތެއްގެ ގޮތުގައި މުޅި ދުނިޔެ ސިފަ ކުރަމުން އަންނަ ތޯލިބާން ޖަމާއަތުން، އަފްގާނިސްތާނަށް ވަންނަ ފައިސާގެ ދެމެހެއްޓެނެވިކަން ކަށަވަރު ކުރުމަށްޓަކާ، ގަދީމީ ޒަމާނުގެ ޒަމާނުގެ ބުދުކޯލެއްގެ އާބާތުރަ ފިލުވަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

މައުލުމާތު ލިބޭ ގޮތުގައި ތޯލިބާނުން މިހާރު ދަނީ، މީގެ ކުރިން އެޖަމާއަތުން ހަލާކު ކޮށްލި ބުދިސްޓު ސަރަހައްދެއް ކަމަށް ވާ ބާމިޔާންގައި ހުރި ބުދުތައް، ގިނަ ދުވަހަށް ދެމިހުންނާނެ ހެން ރައްކާތެރި ކުރަމުންނެވެ. އަމާޒަކީ ޗައިނާއިން އެ ސަރަހައްދުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.

ތޯލިބާނުން ހިމާޔަތް ކުރަމުންދާ އެ ސަރަހައްދަކީ، ކުރީގެ ސިލްކް ރޫޓުގައި ހިމެނުނު ސަރަހައްދެކެވެ. ފަރަންސޭސި ޖިއޮލޮޖިސްޓުންނަށް އެ ސަރަހައްދު ފެނުނީ 1960 ގައެވެ.

ގަދީމީ ސަރަހައްދެއްގެ އިތުރުން ތޯލިބާނުން ހިމާޔަތް ކުރަމުންދާ ބުދުކޯލު ހިމެނޭ ސަރަހައްދަކީ، ދުނިޔޭގެ އެންމެ ބޮޑު ރަތުލޯ ނުވަތަ ކޮޕާ މައުދަން ހުރި ސަރަހައްދުވެސްމެއެވެ. އެ ސަރަހައްދުގައި ވަޅުޖެހިފައި ވާ ރަތުލޮއިގެ އަގު، 1 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

އެ ސަރަހައްދުގައި ރަތުލޮއި ނަގާ ޔުނިޓްތަކެއް ގާއިމު ކުރުމަށް ޗައިނާގައި ހާއްސަ ޝައުގެއް އޮތް ކަމަށް ހަބަރު ލިބެއެވެ. އަދި އަފްގާނިސްތާނު ކޮންޓްރޯލް ކުރަމުން އަންނަ ތޯލިބާނުންނާއެކު ޗައިނާއިން ވަރަދަ ގަދައަށް އެކަމުގެ މަޝްވަރާތައް ކުރާ ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މީގެ ކުރިން ބޮން އަޅާ ހަލާކުކޮށްލި ސަރަހައްދެއް އަލުން ހިމާޔަތް ކުރުމަށް ތޯލިބާނުން އަމާޒު ހިފާފައި ވަނީ ޗައިނާގެ އިންވެސްޓްމަންޓްތަކުގެ އަވާގައި ކަމަށްވެސް އިންޑިއާ މީޑިއާއިން ވަނީ ތުހުމަތު ކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ތޯލިބާނުން މިހާރު ދަނީ، އެ ސަރަހައްދުގައި ހުރި ބުދުދީނުގެ ތަކެއްޗަށް ގެއްލުން ނުވާ ގޮތަށް ރަތުލޮއި ނަގާނެ ގޮތްތައް ބަލާ، ހޯދަމުންނެވެ.