އައްޑޫ ސިޓީގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމު ކުރުމުގެ ބޮޑު ބިޔަ މަޝްރޫގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފަށްޓަވައި ދެއްވައިފިއެވެ.

މި މައްސައްކަތް ރައީސް ސޯލިހް ފައްޓަވައި ދެއްވީ އައްޑޫއަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅައި މިއަދުއެވެ. މިއަދު އައްޑޫ ސިޓީގައި ބޭއްވި މި ރަސްމިއްޔާތުގައި މި މަޝްރޫއު ފަށްޓަވައި ދެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި އިންޑިޔާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނިއަން ޖަޔަޝަންކަރު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީގައި މިހާތަނަށް ހިންގޭ މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ. ޖުމްލަ 1,197,068,447.16 ރުފިޔާގެ މި މަޝްރޫއު ކުރިޔަށް ގެންދަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން މި މަޝްރޫގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓާ ޑްރެއިނޭޖް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި 40 ކިލޯމީޓަރުގެ މަގު ތާރު އަޅައިގެންނާއި ގާ އަޅައިގެން ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ގާތްގަޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓިބިލައިޒްޑް ބޭސް ލޭޔާ އެޅުން ވެސް ހިމެނެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑަ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާ ގޮތަށް ، ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ 4 ލޭނުގެ އައު ލިންކްރޯޑެއް ހެދުން ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

މި މަޝްރޫއުގެ އިތުރުން މި ދަތުރުފުޅުގައި ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމާއި، ބިން އިތުރު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، މަރަދޫ ބަނދަރު ހުޅުވައިދިނުމާއި، މީދޫ ބަނދަރު ހުޅުވައިދިނުމާއި އަދި ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައިދިނުމުގެ އިތުރުން ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުވުން ހިމެނެއެވެ.