އެއްފަހަރު ބޭނުންކޮށްފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަ ފަހަރަށް އެ ތަކެތި ބޭނުންކުރުމުގެ އާދަ އަށަގެންނުވުމުގެ ގޮތުން "ވޯލްޑް ރިސައިކްލިން ޑޭ" އާ ގުޅުވައި، އެޗްޑީސީން "އެއްގެއިން އަނެއް ގެއަށް"ގެ ނަމުގައި ކެމްޕެއިނެއް މިދިޔަ ހޯމަ ދުވަހު ފަށައިފިއެވެ.

އެޗްޑީސީން ބުނީ، އެ ކެމްޕެއިން މެދުވެރިކޮށް، ބޭނުންކުރެވޭ ފަދަ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، އެހެން ފަރާތްތަކަށް އެ ތަކެތި ހަދިޔާކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށާއި، އެގޮތުން ގޭތެރޭގައި ބޭނުންކުރާ ބައެއް ސާމާނު، އެ ތަކެއްޗަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް، މާދަމާ މެންދުރުފަހު 2 އިން ފެށިގެން ހޮނިހިރު ދުވަހު މެންދުރުފަހު 2 ޖަހަންދެން ހުޅުމާލެ ރުއްގަނޑު 1 އަދި 2 ގައި ހަވާލު ކުރުން ކުރިއަށް ދާނެ ކަމަށެވެ.

ރުއްގަނޑު ފެންނަ ކުރެހުމެއް

އެޗްޑީސީގެ ކެމްޕެއިންގައި ބަލައިގަންނާނެ ސާމާނުތައް:

  • ފަރުނީޗަރު
  • އިލެކްޓްރޯނިކް ސާމާނު
  • ބަދިގެއާއި ގޭގައި ބޭނުންކުރާ ބައެއް ތަކެތި

އެ ކޯޕަރޭޝަނުން ބުނިގޮތުގައި އެ ތަކެތި ގެންނަ ފަރާތްތަކުން އެ ތަކެތި ގެނައުމާއި އަނބުރާ ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަންވާނެއެވެ. ނަމަވެސް، އެ ސަރަހައްދަށް ކާބޯތަކެތި ގެނެސް، އެ ތަކެތީގެ ބޭނުންކޮށް، އެ ތަކެތިން ވިޔަފާރިކުރުން މަނާވާނެއެވެ.

"އެއްގެއިން އަނެއް ގެއަށް" ކެމްޕެއިންގެ ސަބަބުން އާންމުންނަށް ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.