އަންނަ ހޮނިހިރު ދުވަހު ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނާއި ދިމާކޮށް އެރަށުގައި 50 ހައުސިން ޔުނިޓް އަަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރެންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އެ މިނިސްޓްރީއިން ބުނީ އެ ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށާއި އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ.

މި ބައި އިލެކްޝަންގެ ކެމްޕެއިން ޖަލްސާއެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރެންދޫއާ ދިމާ ކަނޑުން 1000 ގޯތި ދެވިދާނެ ކަމަށް ވިދާޅުވެފައެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ވަނީ ހުސްވެފައެވެ. އަދި އެ މަގާމަށް ޕީޕީއެމް އަދި އެމްޑީޕީގެ ޓިކެޓްގައި ދެ ކެނޑިޑޭޓަރު ވާދަކުރައްވައެވެ. އެ ދެ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ސަރުކާރާއި އިދިކޮޅުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.