އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު ލިބިގެން ދިއުމުން ވީ އެއްވެސް ކަމެއް ނެތްކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫގެ ކައުންސިލްގެ ރައީސް އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ވާދަކުރައްވައި ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާއީލް މަދީހް އެ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ޕީޕީއެމަށް ބޮޑު އަގުލަބިއްޔަތެއް ބޭނުމެއް ނުވެއެވެ. ނަމަވެސް ޕީޕީއެމުން އިސްކަން ދެނީ ގައުމު ހަލާކުވަމުންދާ ހަލާކުވުމުން ހުއްޓުވުމަށެވެ.
ޔާމީން ވިދާޅުވީ، އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު ލިބިގެން ދިއުމުން ވެފައިވާ ކަންތައްތައް މިހާރު ރައްޔިތުންނަށް ފެންނަން ފަށާފައިވާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ށ. ކޮމަންޑޫ ގެންނަވައި ޔާމީން ވިދާޅުވީ، ކުރެންދޫ ކައުންސިލްގެ ރައީސްކަމަށް މަދީހް އިންތިހާބުވުމުގެ އުފަލުގައި ބައިވެރިވެވަޑައިގަންނަވާއިރު، ކޮމަންޑުއަށް ވެފައިވާ ގޮތުގެ ސަބަބުން ހިތާމަ ކުރައްވާ ކަމަށެވެ. ކޮމަންޑޫގެ ރައްޔިތުން އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު ހޮވާފައިވަނީ ވަރަށް ގިނަ މަޝްރޫއުތަކެއް އިއުލާންކޮށް ބޮޑެތި އުންމީދުތަކާ އެކުގައި ކަމަށާއި، ނަމަވެސް އޭގެން އެއްވެސް ކަމެއް ނުހިނގާ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނޭނގޭ ދެ ކޮމަންޑޫ ދެން ކޮން އިރަކުން ކަމެއް އެއް ކޮމަންޑުއަށް ވާނީކީވެސް. އަނެއްކާވެސް ކޮމަންޑޫގެ އިންތިހާބަކަށް ދާން ޖެހޭނެ."
ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ އޭރު ބައިވަރު މަޝްރޫއުތަކެއް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމާއި، އެ ރަށުގައި އައިސް ޕްލާންޓެއް ހެދުން ފަދަ މަޝްރޫއުތައް ހިމެނެއެވެ. ހަމަ އެހެންމެ، އެ ރަށަށް އިގްތިސޯދީ ޕްލޭންތަކުން ސަރުކާރުން ރާވާފައިވާ ކަމަށް އޭރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. ކޮމަންޑޫ ދާއިރާގެ އިންތިހާބާ ގުޅިގެން ސަރުކާރުން ގިނަ މަޝްރޫއުތަކެއް ރާވާފައިވާތީ ގިނަ މީހުންގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.